ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ އަދި ހާއްސަ ހާލަތެއްގެ ސަބަބުން ސްކޫލަށް ހާޒިރުވާން އުޒުރުވެރިވާ ދަރިވަރުން ގޭގައި ބައިތިއްބައިގެން ކިޔަވައިދޭނެ އުސޫލު ނުވަތަ "ހޯމް ސްކޫލިން" ގާނޫނީ އީތާރެއްގެ ތެރެއިން ތައާރަފްކުރުމަށް ތައުލީމުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި މި ބިލަށް ތާއީދުކުރައްވައި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް މަޖިލީހުގައި ވާހަކަދެއްކެވިއެވެ.
މި ބިލާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިއީ "ޖާރިޔާ ބިލެއް" ކަމަށް ސިފަކުރައްވައި، އަންހެންކުދިން ސްކޫލަށް ނުފޮނުވައި ތައުލީމުން މަހުރޫމްކުރުމުގެ ހީލަތްތެރި ވިސްނުމެއް އޭގައިވާ ކަމަށް ތުހުމަތުކުރެއްވިއެވެ. ނަމަވެސް އެ ތުހުމަތުތަކަށް ރައްދުދެއްވަމުން ހުސްނީ ވިދާޅުވީ، ހޯމް-ސްކޫލިން ތައާރަފްކުރަނީ ރައީސް ނަޝީދު ސިފަކުރައްވާ ފަދަ ނުރައްކާތެރި ކަންތައްތަކަށް މަގުފަހިވާ ގޮތަށް ނޫން ކަމަށާއި، އެއީ ސްކޫލެއްގައި ރަޖިސްޓްރީނުކޮށް ކުދިން ނިޒާމުން ބޭރުން ދޫކޮށްލާ ގޮތަށް ތައާރަފްކުރާ އުސޫލެއް ނޫން ކަމަށެވެ.
"މިއީ ޖާރިޔާއިންނަށް ފުރުސަތު ފަހިކުރުމަށޭ، މިއީ އިސްލާމްދީނުގެ އަސާސްތަކާ ހިލާފުވާ ގޮތަށް އަންހެންދަރިން ތައުލީމުން މަހުރޫމްކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ތަސައްވަރުކޮށްދޭން މަސައްކަތްކުރާ ކުރުން އަޅުގަނޑު ހަމަ ކުށްވެރިކުރަން. މިގޮތަށް ހޯމްސްކޫލިންގެ ފުރުސަތު ފަހިކޮށްދިނުމަކީ އެއްވެސް ހާލެއްގައި އަންހެންދަރިން މިގައުމުގައި ތައުލީމުން އެކަހެރިކޮށްފައި އެކުދިން ގޭގައި ބައިތިއްބައިގެން އެކުދިންނަށް ތައުލީމު ދިނުމަށް، އެކުދިން ވަކި ގޮތަކަށް ތަރުބިއްޔަތު ކުރުމަށް ފުރުސަތު ދިނުމެއް ނޫން،"
ހުސްނީ ވިދާޅުވިއެވެ.
މީގެއިތުރުން، ގޭގައި ބައިތިއްބައިގެން ކިޔަވައިދީގެން ހަރުކަށި ފިކުރަށް ކުދިން ވައްދާނެ ކަމަށް ގަބޫލުކުރާ ނަމަ، އެއީ ލާދީނިއްޔަތަށް ގެންދަން މަގުފަހިވާނެ ކަމަށް ގަބޫލުނުކުރަނީ ކީއްވެތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
ސްކޫލެއްގެ ބެލުމުގެ ދަށުން ދަރިވަރުން ގޭގައި ބައިތިއްބައިގެން ކިޔަވައިދޭނެ އުސޫލުތައް، 2021 ވަނަ އަހަރު އެކުލަވާލި "ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު" ގެ ދަށުން ކުރީގެ ސަރުކާރުންވެސް ގަވައިދެއްގެ ގޮތުގައި ގެޒެޓްކޮށްފައިވާކަން ހުސްނީ ފާހަގަކުރެއްވިއެވެ. އަދި ގޭގައި ބައިތިއްބައިގެން ކިޔަވައިދޭ ދަރިވަރުން އެފަދަ އެއްވެސް ނުރައްކާތެރި ފިކުރަކަށް ނުގެންދެވޭނެކަން ކަށަވަރުކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ސަރީހަކޮށް ބަޔާންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިސްލާހާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއުވެސް ސަރުކާރުގެ ސިޔާސަތު ސާފުކޮށްދެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ގާނޫނަށް ގެންނަން ހުށަހެޅި ބަދަލަކީ ހޯމް ސްކޫލިންގެ ގަވާއިދު ގާނޫނުގައި ބަޔާންކޮށް، އޭގެ ނާޖާއިޒް ފައިދާ އެއްވެސް ފަރާތަކަށް ނުނެގޭނެ ފަދަ ގޮތަކަށް ސިސްޓަމް ހަރުދަނާކުރުމެވެ. މިއީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގެ ކަންކަން ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ހޯމް ސްކޫލިންއަށް ފުރުސަތު ދެވޭނީ ކޮންމެ ކޮންމެ މީހަކަށް ނޫން ކަމަށާއި، އެ ފުރުސަތު ދެވޭނީ ހާއްސަ އެސެސްމަންޓްތަކެއް ހަދައި ކަނޑައެޅިފައިވާ ޝަރުތުތައް ވަޒަންކުރުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، ގާނޫނަށް ގެންނަ މި ބަދަލަކީ ނިޒާމުގެ ތެރެއިން ކުދިން ދޫކޮށްލުމުގެ ބަދަލުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރައްކާތެރިކަމާއެކު ތައުލީމު ފޯރުކޮށްދިނުމަށް އެޅޭ ގާނޫނީ ހަރުދަނާ ފިޔަވަޅެކެވެ.




