އެމްޑީޕީއަށް ޒަމާނެއްގެ ކޮޅުން ވެރިކަން ލިބުނަސް، އެންމެ ފުރަތަމަ ކުރާނެ ކަމަކީ އިސްރާއީލު ރައްޔިތުންނަށް ރާއްޖެއަށް އާދެވޭ ގޮތަށް ހުއްދަ ދިނުން ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ރިޕޯޓަށް ބަހުސް ކުރައްވަމުން ފަލާހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކުގައި ބަހުސް ކުރުމުގެ ކުރިން އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އަހަންޖެހޭ ގޮތަށް ހެދުމަށާއި، ބަލައިގަންނަން ފާސްނުވެއްޖެ ނަމަ އެ ގަރާރެއް ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހެޅި މައްސަލައިގައެވެ.
މި އިސްލާހުގެ ބަހުސްގައި ފަލާހުގެ ކުރިން ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ، މިއިސްލާހުން ހާމަވަނީ ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ދިވެހި ދައުލަތުގެ މައްޗަށް ނުފޫޒު ފޯރުވަމުންދާ މިންވަރު ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ބަދަލެއް ގަވާއިދަށް ގެނައުމުން މަޖިލީހުގެ މުހިންމު މަސްއޫލިއްޔަތުތަކަށް ހުރަސްއެޅިގެންދާނެ ކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ.
މީކާއީލްގެ ތުހުމަތުތަކަށް ރައްދުދެއްވަމުން ފަލާހު ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވަނީ ވަރަށް ކުޑަކުޑަ އިސްލާހެއް ކަމަށާއި، ކޮންމެ ކަމެއް ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި އިސްލާހުން އެއްވެސް ކަމެއް މަނާނުކުރާ ކަމަށާއި، ރަނގަޅު ގަރާރެއް ހުށަހަޅައިފިނަމަ މިހާރުވެސް ބަހުސް ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ކުޅަދާނަކަމުން އެ ބިން "ޖަވާހިރު ގަނޑަކަށް" ހައްދަވާދެއްވާފައިވާ ކަމަށާއި، 18 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެއަށް އަންނާތީ އިދިކޮޅު މެންބަރުންގެ ލޮލަށް ނިދިނައިސްގެން އުޅޭ ކަމަށެވެ.
އަދި މި ސަރުކާރުން އިސްރާއީލު ރައްޔިތުންނަށް ރާއްޖެއަށް ނާދެވޭނެ ގޮތަށް ފިޔަވަޅު އަޅާފައިވާ އިރު، އިދިކޮޅަށް އެވަރުގެ ކަމެއް ކުރަން ނުކެރުނު ކަމަށާއި، އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ އެންމެ ފުރަތަމަވެސް އިސްރާއީލު މީހުންނަށް ރާއްޖެ އާދެވޭ ގޮތް ހަދާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މެންބަރު ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިސްލާމްދީނަށާއި ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ 1000 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.





