ޓެކްސްގެ "ލޫޕްހޯލްތައް" ބަންދުކޮށް އިންބައުންޑް ޓުއަރިޒަމަށް ހުރި ހުރަސްތައް ނައްތާލުމަށް ބިލެއް ހުށަހަޅައިފިއެވެ.
ޓެކްސްގެ "ލޫޕްހޯލްތައް" ބޭނުންކޮށްގެން ޓެކްސްއިން ރެކުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ގެއްލޭކަން ފާހަގަކުރައްވައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގެ ސަބަބުން ވިޔަފާރިތަކަށް އުނދަނގޫވާ ގޮތަށް ހުރި ކަންކަން އުނިވެ، އިންބައުންޑް ޓުއަރިޒަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވިދާޅުވިއެވެ.
ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމުން ޓެކުހަށް މަކަރު ހެދުން ކުޑަކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް އަދި ޕީއެންސީގެ އެހެން މެންބަރުންވެސް މިއީ ނިޒާމީ މައްސަލަތަކަށް އޮތް ހައްލެއް ކަމަށާއި ޓެކްސް ނިޒާމަށް އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ވިދާޅުވެ ބިލަށް ތާއީދުކުރެއްވިއެވެ.
މި ބިލުގައި ޓެކްސް ނިޒާމުގައި ހުރި ނާޖާއިޒު ކަންކަން ހުއްޓުވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމާފަވެއެވެ. އެގޮތުން، ޖީއެސްޓީ ދެއްކުމުން އެއްފަރާތްވުމަށް އެއްވެސް ފަރާތަކުން މަސައްކަތްކޮށްފިނަމަ، އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުއާމަލާތެއް ނޫންކަމަށް ކަނޑައެޅުމުގެ އިހްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާ ގޮތަށް ހަމަޖައްސާފަވެއެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަކުރުމާއި ދައްކަންޖެހޭ ތާރީހު ލަސްކުރުން ފަދަ، ޓެކުހާ ގުޅޭ ނާޖާއިޒު މަންފާ ހޯދާ ހާލަތުތައްވެސް މި ބިލުގައި ވަނީ ތަފްސީލުކޮށްދީފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން އިންގުރަިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. ފަލާހް އިތުރަށް ވިދާޅުވީ، ޓެކްސްގެ އުސޫލުތައް ބަޔާންކުރާ މި ގާނޫނަކީ އިގްތިސާދީ ހާލަތަށް ބަލައި ބަދަލުތައް ގެންނަންޖެހޭ ގާނޫނެއް ކަމަށާއި، މި ސަރުކާރުން އެއްވެސް ޓެކްސެއް ބޮޑުކޮށްފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުން ނަގާފައިވާ ދަރަނިތަކުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދެމުންދާކަމަށާއި، މީގެއިތުރުން، މި އިސްލާހަކީ ގައުމުގެ މިހާރުގެ ހާލަތަށް ބަލައި ޓެކްސްއިން ރެކުމުގެ ކަންކަން ހުއްޓުވުމަށް ގެެނެވޭ މުހިންމު ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހުގެ ވާހަކަފުޅުގައި، މި ސަރުކާރުން ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދެމުންދާ ކަމަށާއި، އެއްވެސް ރައްޔިތަކަށް ކަންކަން ދަތިވެފައި ނުވާކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ކުރިއަށްދާއިރު، ސިޔާސީ އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި ބިލާ ދެކޮޅަށް ވާހަކަދެއްކެވި އިދިކޮޅު އެމްޑީޕީގެ މެންބަރުން ޓެކްސްގެ ގާނޫނަށް މި ގެންނަ ބަދަލުތަކުން އާންމު ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށާއި، މިގޮތަށް ބަދަލުތައް ގެންނަންޖެހޭ ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ. މިއަށް ރައްދު ދެއްވަމުން ސަރުކާރު މެންބަރުން ޓެކްސްއަށް މަކަރު ހަދަން ފުރުސަތު ދީގެން ވަރިހަމަކޮށްގެން ތިބެވެން ނެތްކަމަށް ބުނެ، ބިލުގެ މުހިންމުކަން ދިފާއުކުރެއްވިއެވެ.






