ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ތައުލީމާއި، ސިއްހީ ދާއިރާގެ އިތުރުން އައިޓީ ގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމަށް އާދެވިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޕާކިސްތާނުގެ ގައުމީ މަޖިލީހުގައި އެ ގައުމުގެ ޕާލަމެންޓަރީ ކޯކަސް އޮން ޗައިލްޑް ރައިޓްސް (ޕީ.ސީ.ސީ.އާރު) އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ފެޑެރަލް ޕާލަމެންޓަރީ ސެކެޓްރީ، ބަރިސްޓަރ ދާނިޔާލް ޗައުދަރީއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަރިސްޓަރ ދާނިޔާލް ޗައުދަރީ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޕާލަމެންޓަރީ ބަދަލުވުންތަކުގެ ސަބަބުން މުއައްސަސާތަކުގެ ގުޅުން ބަދަހިވެ، ދޭދޭ ގުޅުން އިތުރަށް ފުޅާކުރުމަށް ފުރުސަތުތައް ތަނަވަސްވެގެންދާކަން ފާހަގަކުރައްވާފައެވެ. އަދި ޕާކިސްތާނާއި ދިވެހިރާއްޖޭގެ ގުޅުމަކީ އެކަކު އަނެކަކަށް ކުރާ ގަދަރާއި، ހިއްސާކުރާ އަގުތަކާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ވިޔަފާރިއާއި، ތައުލީމާއި، ފަތުރުވެރިކަމާއި، ސިއްހަތާއި، މޫސުމާއި، ޒުވާނުންގެ ތަރައްގީއާއި އަދި ދިފާއީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަފުދުން ވަނީ ޕާކިސްތާނުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރުއަދާކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމަކީ އެންމެ އިސްކަންދޭ ދާއިރާތައް ކަމުގައި ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތަ، ދަނޑުވެރިކަން، ވޮކޭޝަނަލް ޓްރެއިނިންގ އަދި ސްކޮލަރޝިޕްގެ ދާއިރާތަކުން ގުޅުން ބަދަހިކުރަން ބޭނުންވާކަން ހާމަކުރެއްވިއެވެ.
ޕާކިސްތާނު-މޯލްޑިވްސް ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕުގެ މެންބަރުން ވެސް ވަނީ ވިޔަފާރިއާއި، ޒުވާނުންގެ ތަރައްގީއާއި، ދަނޑުވެރިކަމާއި، ޑިޖިޓަލް އަދި އައިޓީ ސެކްޓަރގެ އިތުރުން ސިއްހީ ދާއިރާއިން އިތުރަށް އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.









