ރާއްޖެއަށް ދިގު މުއްދަތަކަށް ދިމާވެފައިވާ މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހުމުގެ މައްސަލައަށް އަމަލީ ސިފައެއް ގެނެސް، އެކަން ހައްލުކުރުމަށް މަސައްކަތް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދުގެ އިތުބާރުނެތްކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ޖަވާބުދާރީވެވަަޑައިގަންނަވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދު ވިދާޅުވީ މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަވާ ކަމަށެވެ.
އެގޮތުން، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ދޯނިން އުފުލާ މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވަމުން، 2026 ޑިސެމްބަރު މަހާ ހަމައަށްދާއިރު ދޯނިން އުފުލާ މުދާ ކްލިއަރ ކުރުން އެއްކޮށް ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2027 ނޮވެމްބަރު މަހަށް ބަނދަރުގެ ހުރިހާ މަސައްކަތެއް ނިންމައި ފުލް އޮޕަރޭޝަނަށް ގެނައުމަކީ ސަރުކާރުގެ ލަނޑުދަނޑި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ކުއްލި ބަދަލުތަކާއި ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ކާބޯތަކެއްޗާއި ތެލާއި ގޭސް ލިބުމުގައި ދަތިތަކެއް ދިމާވިޔަ ނުދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކްރައިސިސް ކޮމިޓީއެއް އުފައްދަވައިގެން ގައުމުގެ އިގްތިސާދު ރައްކާތެރިކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހަނޑުލާއި، ހަކުރާއި، ފުށުގެ އިތުރުން ރައްޔިތުންގެ ދުވަހުގެ ދިރިއުޅުމަށް ބޭނުންވާ މުހިންމު އެހެން ބާވަތްތައް ހިމެނޭހެން އަސާސީ މުދަލުގެ ބާވަތްތައް 80 އަށް އިތުރުކޮށްފައިވާ ކަމަށާއި، "އަގުމަގު" ޕޯޓަލްއާއި އެސްޓީއޯ މެދުވެރިކޮށް މުޅި ރާއްޖެއަށް ހެޔޮ ރޭޓުގައި މުދާ ފޯރުކޮށްދެމުންދާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.





