ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ފޮރިން އިންވެސްޓްމެންޓްތަކާއި، ރަސްމީ ރޭޓުގައި އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ދޫކުރެވުނު މިންވަރުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެން، މަޖިލީހުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާބަލާއިރު، މި ސަރުކާރުން ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރި މިންވަރު 80 އިންސައްތައަށް އިތުރުކުރިއެވެ. ނިމުނު ސަރުކާރުގެ ފަހު ތިން އަހަރު އާންމުންނަށް ދޫކޮށްފައިވަނީ 1.75 މިލިއަން ޑޮލަރު ކަމަށްވާއިރު، މި ސަރުކާރުން މިހާތަނަށް 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ މަހެއްގެ މައްޗަށް ބަލާއިރު ގާތްގަނޑަކަށް 97 އިންސައްތައިގެ އިތުރުވުމެކެވެ.
އަހަރުތަކަށް ތަފްސީލުކޮށް ބައްލަވާލައްވަމުން މިނިސްޓަރ ވިދާޅުވީ، 2024 ވަނަ އަހަރު އެކަނިވެސް 483.53 މިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓުގައި ދޫކޮށްފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރު 733.82 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 718.53 މިލިއަން އެމެރިކާ ޑޮލަރު ދޫކުރެވިފައިވާކަމަށް މިނިސްޓަރ ހާމަކުރިއެވެ. މިއީ ގައުމުގެ އިގްތިސާދީ ހަރަކާތްތަކަށް ސަރުކާރުން ދެމުންދާ އެހީތެރިކަން ހާމަކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރުގެ އިންވެސްޓްމެންޓްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު ދައުރާ އަޅާބަލާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މި މުއްދަތުގައި 313 ފޮރިން އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވިފައިވުމަކީ ރެކޯޑެއް ކަމަށެވެ. މީގެ ކުރީގެ ދައުރުތަކުގައި ރަޖިސްޓްރީކުރެވުނު އަދަދުތަކަށް ބަލާއިރު، 2008 އިން 2013 އަށް 212 އިންވެސްޓްމެންޓް، 2013 އިން 2018 އަށް 406 އިންވެސްޓްމެންޓް، އަދި 2018 އިން 2022 އަށް 245 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެ މައްސަލަ ދިމާވަނީ މާލޭގެ ވިޔަފާރި ބަނދަރު ކުޑަވުމުގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަމަލީ ގޮތުން މަސައްކަތް ކުރަމުންދާ ހަމައެކަނި ސަރުކާރަކީވެސް މި ސަރުކާރު ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. މާލޭ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ރާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން އިކޮނަމިކް މިނިސްޓަރ ވިދާޅުވީ، އިގްތިސާދީ ވުޒާރާއަކީ މައުލޫމާތު ހާމަކުރުމުގައި އަބަދުވެސް ނަމޫނާ މުއައްސަސާއެއް ކަމަށެވެ. އެގޮތުން، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުނު 192 އާރްޓީއައި އަށް ޖަވާބުދީފައިވާނެ ކަމަށާއި، 184 ފަހަރު މީޑިއާއާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.




