ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ގައުމުގެ މިނިވަންކަމާއި އިގްތިސާދީ ފުދުންތެރިކަމާ ހުރި ގުޅުމުގެ މައްޗަށް ވަރަށް ތަފްސީލުކޮށް އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެ އެތައް އަހަރެއް ކުރިންސުރެއް ރާއްޖެއަށް ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި އުދުވާންތަކަކީ ވެރިކަމުގެ ދަހިވެތިކަމުގައި އަޑީގައި ތިބެގެން ހިންގާފައިވާ ކަންކަންކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ ތާރީހުން ލިބޭ ފިލާވަޅުތަކުގެ އަލީގައި މުސްތަގުބަލު އުޖާލާކުރަންޖެހޭ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓިފައި އޮތް ނަމަވެސް، މި ސަރުކާރުން އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒިންމާދާރުކަމެއްނެތި ދަރަނި ނަގާ ފައިސާ ޗާޕުކުރާ ސަގާފަތް ނިމުމަކަށްގެނެސް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަތިޔާރުގެ އަޅުވެތިކަމުން ދިވެހިން ނަސްރު ހޯދި ފަދައިން، މިއަދު ދަރަނީގެ އަޅުވެތިކަމުން ވެސް ގައުމު ސަލާމަތްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އިގްތިސާދީ މިނިވަންކަން ނެތްނަމަ ގައުމެއްގެ ސިޔާދަތާއި މިނިވަންކަން ފުރިހަމައަށް ނުހިފެހެއްޓޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މާލިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނެސް، ރައްޔިތުންނަށް ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ނިންމާލަމުން، ސިޔާސީ ޖަޒުބާތުތަކަށްވުރެ ގައުމީ މަސްލަހަތު އިސްކޮށް، ހުރިހާ ދިވެހިން އެކުއަގުގައި ގައުމުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ރައީސް ގޮވާލެއްވިއެވެ.




