ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި ޒުވާނުންނަށް ރައްކާތެރި، ފުދުންތެރި އަދި އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ބޮޑު ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ރާއްޖޭގެ އާ ޖީލުތަކުގެ ހުވަފެންތަކާއި މުސްތަގުބަލާ ގުޅިފައިވާ ކަންކަމަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދިވެހި ވަތަނީ ހިދުމަތުގެ ނަމުގައި ފެށި ޕުރޮގުރާމުގެ ދަށުން މިހާރުވެސް އެތައް ސަތޭކަ ޒުވާނުންނެއް ތަމްރީނުވެ ދަސްވެނިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ޕްރޮގްރާމްތަކުގެ މައިގަނޑު މަގުސަދަކީ ގައުމުދެކެ ލޯބިވާ، ގައުމީ ވިސްނުން ހުރި، އަދި ފަރުދީގޮތުންނާއި ގައުމީގޮތުން ގާބިލު ޒުވާނުންތަކެއް މުޖުތަމައަށް ނެރުން ކަމަށް ރައީސް ވިދާޅުވިއެވެ. މި ޒުވާނުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުދީ، ވަޒީފާގެ މައިދާނަށް ނުކުތުމުގެ ފުރުސަތުތައް ފަހިކޮށްދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްގީގެ ވާހަކަދައްކާއިރު މާއްދީ ތަރައްގީއާ އެއްވަރަށް މާނަވީ ތަރައްގީއަށް ވެސް އިސްކަންދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމުގެ ސަގާފަތާއި، އިސްލާމީ ވަންތަކަމާއި، އަމިއްލަވަންތަކަން ދަމަހައްޓައިގެން ނޫނީ ހަގީގީ ތަރައްގީއެއް ނުހޯދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޒުވާނުންނަށް ފަހި މުސްތަގުބަލެއް ހޯދައިދިނުމުގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަކީ އެންމެ އިސް ކަންތައް ކަމަށާއި، މި ކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާލުވިއެވެ.




