ދިވެހި ތާރީހުން ފެންނަން ހުރި އިބުރަތްތެރި ފިލާވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ޕޯޗުގީޒުންނާއި މަލާބާރީންގެ ހަމަލާތަކާއި، ބޮޑުހުޅުގެ ހާދިސާގެ އިތުރުން ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގެ އަޑީގައިވެސް ތިބީ ވެރިކަމަށް ދަހިވެތިވެފައިވާ ދިވެހިންކަން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާއްޖަވެރިކަން ކަމަށާއި، ގައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން ކަމުގައެވެ. އަދި 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ގައުމުގެ ދިފާއުގައި ތެދުވެވަޑައިގެންނެވި މަތިވެރި ޝަހީދުންގެ ޒިކުރާ އާކުރައްވައި، އެފަރާތްތަކުގެ ގުރުބާނީގެ އަގުވަޒަންކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހި ތާރީހު ދުށް ހުރިހާ ޝަހީދުންވެސް ހިޔާރުކުރެއްވީ ދިވެހި ވަތަން ކަމަށާއި، އިސްކަންދެއްވީ ގައުމާއި ވަތަނުގެ މިނިވަންކަމާއި ހަމަޖެހުމާއި އަމާންކަމަށް ކަމަށެވެ.
ނޮވެންބަރު 3 ގެ ނުރައްކާތެރި އުދުވާނީ ހަމަލާއަށް ފަހު 38 އަހަރު ފާއިތުވެފައިވާއިރު، މި ހާދިސާ ނުދެކޭ އާ ދެ ޖީލެއް އުފެދިފައިވާކަން ފާހަގަކުރައްވައި، އެ ކުދީންނަށް ރައްކާތެރި އަދި ފުދުންތެރި ދިވެހިރާއްޖެއެއް ވާރުތަކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



