ދިވެހިރާއްޖޭގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި، 1988 ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި 5 ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކޮށް "ނޮވެމްބަރު 3 ގެ އައްޑަނަ" އަރުވައިފިއެވެ.
މި ޝަރަފުވެރި އައްޑަނަ އެބޭފުޅުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއެރުވުނު އައްޑަނަ ލިބިވަޑައިގެންނެވީ ސަރޖެންޓް ފަސްޓްކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފާއި، ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ހުސައިން އަލީއާއި، ސަރޖެންޓް (ރިޓަޔަރޑް) ހުސައިން މަނިކުގެ އިތުރުން ކޯޕްރަލް (ރިޓަޔަރޑް) އަބްދުﷲ ނަސީމް އަދި ލާންސް ކޯޕްރަލް (ރިޓަޔަރޑް) އަބްދުﷲ މުފީދަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ޖަލްސާއަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް އިސްތިގްބާލު ކުރެއްވީ ދިފާއީ ވަޒީރު ހަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. ޖަލްސާ ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވުމަށްފަހުގައެވެ.
މި ޖަލްސާގެ ތެރެއިން ދިވެހި ސިފައިން ވަނީ "ލޭގެ ޖިހާދު" ގެ ނަމުގައި ހާއްސަ ތަމްސީލެއް ހުށަހަޅައިދީފައެވެ. މީގެއިތުރުން ސިފައިންގެ ގައުމީ ލަވަ އަލްބަމް ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވާފައިވާއިރު، އެމަނިކުފާނު ވަނީ މި ޖަލްސާގައި ދިވެހި ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.




