ދިވެހިރާއްޖޭގައި ފާހަގަކުރަމުންދާ ފަހުރުވެރި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ނައިބު ރައީސް ވަނީ، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ ދިފާއުގައި ފުރާނައިން ގުރުބާންވި މަތިވެރި އަބްޠާލުންގެ ޒިކުރާ އައުކުރައްވައި، އެ ބޭފުޅުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި އިހްލާސްތެރިކަމާއެކު ދުއާ ދަންނަވާފައެވެ.
ރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަކުރަމުން މިދަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، އަދާވަތްތެރިންގެ މައްޗަށް ދިވެހީން ހޯދި ފަހުރުވެރި ކާމިޔާބީގެ ހަނދާންތައް އައުކުރުމުގެ ގޮތުންނެވެ. މި ދުވަހަކީ ދިވެހި ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ގައުމީ އެއްބައިވަންތަކަމާއި، ދިވެހި އަސްކަރިއްޔާއިން ދެއްކެވި ސާބިތުކަމާއި މަތިވެރި ގުރުބާނީ ރަމްޒުކޮށްދޭ ތާރީހީ މުހިންމު ދުވަހެކެވެ. މާތް ﷲ ގެ މަތިވެރި ރަހްމަތްފުޅާއެކު، ދިވެހި ސިފައިންނާއި އާންމު ރައްޔިތުން އެ ދުވަހު ޓެރަރިސްޓުންގެ އެ ނުރައްކާތެރި ހަމަލާ ފޭލިކޮށްލީ ގައުމަށްޓަކައި ލެޔާއި ފުރާނައިން ވެވަޑައިގެންނެވި ބޮޑު ގުރުބާނީއަކުންނެވެ.
މި ނާމާން، ބިރުވެރި ހަމަލާގައި ގައުމުގެ ދިފާޢުގައި ހަނގުރާމަކުރި ސިފައިންގެ 8 ބޭކަލުންނާއި، އާންމު ރައްޔިތުންގެ 11 ބޭފުޅުން ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. އަދި މި ހާދިސާގައި 39 ދިވެހިން ޒަހަމްވެ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް ބަޔަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ތަހައްމަލުކުރަން ޖެހުނެވެ.




