ދިވެހިރާއްޖޭގެ 38 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތައް، މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ކުރެވުނު ފަތިސް ނަމާދުގެ ބޮޑު ޖަމާއަތުން ފަށައިފިއެވެ.
މި ނަމާދުގެ ޖަމާއަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ މިނިސްޓަރ ހަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ ސިފައިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މި ޖަމާއަތުގައި ބައިވެރިވިއެވެ.
ނަމާދަށްފަހު، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ގައުމުގެ ދިފާއުގައި ޖާނުން ގުރުބާންވި މާތް ޝަހީދުންގެ ޒިކުރާ އާކޮށް، އެބޭކަލުންގެ ފުރާނައަށް ހެޔޮރަހްމަތް ލެއްވުން އެދި ހާއްސަ ދުއާއެއް ކުރުން އޮތެވެ.
3 ނޮވެންބަރަކީ ދިވެހި ތާރީހުގައި ފާހަގަކުރެވޭ އެންމެ ހިތާމަވެރި، އަދި އެއާއެކު ފަހުރުވެރި އެއް ދުވަހެވެ. އެދުވަހު ދިވެހިންގެ ތެރެއިން ބަޔަކު ހިޔާނާތްތެރިވެ، ބޭރުގެ ކުލީ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން މާލެއަށް ދިން ނުރައްކާތެރި ހަމަލާއިން ދިވެހިފަސްގަނޑާއި އިސްލާމްދީން ހިމާޔަތްކުރުމަށް ސިފައިންނާއި އާންމު ރައްޔިތުން ވަނީ މަތިވެރި ގުރުބާނީއެއް ވެފައެވެ.
މި އުދުވާނުގައި ޖުމްލަ 19 ދިވެހިން ޝަހީދުވިއެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމުންގެ 11 މީހުންނެވެ. ކޮންމެ އަހަރެއްގެ ނޮވެންބަރު 3 ވަނަ ދުވަސް "ނަސްރުގެ ދުވަސް" ގޮތުގައި ފާހަގަކުރަނީ، މާތް ﷲ ދިވެހި އުއްމަތަށް މިނިވަންކަމާއި ނަސްރު މިންވަރުކުރެއްވިކަމަށްޓަކައި ހަމްދާއި ޝުކުރުކުރުމާއެކު، ގައުމީ އަބްތާލުންވީ މަތިވެރި ގުރުބާނީގެ އަގު ވަޒަންކޮށް އެޒިކުރާ އާކުރުމުގެ ގޮތުންނެވެ.




