ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުތައް މިއަދު ހެނދުނު ފަށައިފިއެވެ. މިގޮތުން، މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް އެންމެ ފުރަތަމަ ފެށިގެން ދިޔައީ އިސްލާމީ މަރުކަޒުގައި ބޭއްވި ބޮޑު ޖަމާއަތުގައި ކުރެވުނު ފަތިސްނަމާދުންނެވެ. މި ނަމާދުގެ ޖަމާއަތުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދުގައި އޮތް ހާއްސަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ސަރަހައްދަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ސިފައިންގެ ގާޑު މައުންޓް ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ. ވަޒީރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތަކީ ގައުމީ ތާރީހީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިހްތިރާމާއެކު ބޭއްވުނު މުހިންމު ރަސްމިއްޔާތެކެވެ.