ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމުގެ ސަބަބުން ތަރައްގީގެ އިސްކަންދޭ ދާއިރާތަކުގައި އެކަންކަން ބޭނުންކުރެވޭނެ ގޮތްތަކާމެދު ފުންކޮށް މަޝްވަރާކުރެވި، ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވެގެންދާނެކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސައީދު މިފަދައިން ވިދާޅުވީ މި ފޯރަމް އިފްތިތާހްކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރް ފާހަގަކުރެއްވީ، މި ފޯރަމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުންތައް ބަދަހިކޮށް، ވިޔަފާރީގެ މައިދާނުގައި އެއްބާރުލުން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. ދެ ގައުމުގެ އިގްތިސާދީ އަދަދުތަކާއި މިންގަނޑުތަކުގައި ތަފާތުތަކެއް ހުރި ނަމަވެސް، ދެފަރާތަށް ބޮޑެތި ފައިދާތަކެއް ކުރާނެ މަސައްކަތްތައް ގުޅިގެން ކުރުމުގެ ޖާގަ އެބައޮތް ކަމަށާއި، މިއީ އިގްތިސާދީ ގޮތުން އެކީގައި ކުރިއަށްދިއުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ބަދަހިކަން މިއަދު ފެންނަމުންދާކަން ބަޔާންކުރައްވަމުން، މި ފޯރަމާއެކު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯ 2026 އަކީ މި މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ސައީދު ސިފަކުރެއްވިއެވެ. އެކްސްޕޯގެ ސަބަބުން ޗައިނާގެ ކުންފުނިތަކުން އުފައްދާ ތަކެއްޗާއި، އެފަރާތްތަކުގެ ޒަމާނީ ޓެކްނޮލޮޖީއާއި މަސައްކަތުގެ ގާބިލުކަން ދައްކާލުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވޭތުވެދިޔަ ތަނުގައި ހާސިލުކުރެވުނު ކަންކަމަށް ބައްލަވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒައާމަތުގައި 2024 ވަނަ އަހަރު ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އުމްރާނީ ތަރައްގީގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައްވެސް ކުރިއަށްވުރެ ބަދަހިވެފަވެއެވެ.
މީގެއިތުރުން، 1 ޖެނުއަރީ 2025 ގައި އަމަލުކުރަން ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުމުގައި ލިބުނު ތާރީހީ ކާމިޔާބީއެއްކަން މިނިސްޓަރ ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގައި ޗައިނާއިން ވަމުންދާ ބޮޑެތި އެހީތެރިކަން މިނިސްޓަރުގެ ވާހަކަފުޅުގައި ހާއްސަކޮށް ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި ކުރުމަށް ރާވާފައިވާ ކަންކަމާ މެދު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ސަރުކާރުގެ މިހާރުގެ އަމާޒަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ފުރުސަތުތަކުގެ ފުރިހަމަ ބޭނުންހިފައި، ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު އިތުރަށް ވަރުގަދަކޮށް ފުޅާކުރުން ކަމަށެވެ.




