ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް މިއަދު ބާސެލޯ ނަސަންދުރާގައި ރަސްމީކޮށް ފަށައިފިއެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޗައިނާ އެމްބަސީ ގުޅިގެން އިންތިޒާމުކުރި މި އެއް ދުވަހުގެ ފޯރަމްގައި 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޗައިނާގެ 40 އަށްވުރެ ގިނަ ކުންފުނި ހިމެނެއެވެ.
ވިޔަފާރީގެ ބަދަހި ގުޅުންތަކެއް ގާއިމުކުރުމަށްޓަކައި 5 އެމްއޯޔޫއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ މި ފޯރަމުގެ ތެރެއިން، ދެ ގައުމުގެ މެދުގައި އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށް އިކޮނަމިކް މިނިސްޓްރީއިން ހާމަކުރިއެވެ.
ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ބޭރުގެ ފުރަމާނަ ދަތުރުފުޅުތަކުގެ ތެރޭގައި، އެ ގައުމުތަކުގައި ބިޒްނަސް ފޯރަމްތައް އިންތިޒާމުކޮށް، ދެ މުޖުތަމައުގެ ވިޔަފާރިވެރިން ގުޅުވައިދީ، ރާއްޖޭގައި ހުރި ފުރުސަތުތަކާއި ސަރުކާރުގެ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވައެވެ.
މިހާތަނަށް ސަރުކާރުން ޗައިނާ، ޔޫއޭއީ، އިންޑިއާ (3 ސިޓީއެއްގައި)، މެލޭޝިއާ، ސިންގަޕޫރު، އިންގިރޭސިވިލާތް އަދި ޕާކިސްތާނާއެކު ޖުމްލަ ހަތް ގައުމެއްގައި މިފަދަ ފޯރަމްތައް ބާއްވާފަވެއެވެ. އިކޮނަމިކް މިނިސްޓްރީއިން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކާއި، އިންވެސްޓްމަންޓްތައް ރެޖިސްޓަރ ކުރާ ބޭރުގެ ކުންފުނިތަކުގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފަވެއެވެ.




