ދިވެހިރާއްޖެއަކީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ އަދި އެފަދަ އިންވެސްޓްމަންޓްތައް ކާމިޔާބުކުރުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ގައުމެއްކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ ހަވާސާގައި ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި ފޯރަމަކީ ހަމައެކަނި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ފޯރަމެއް ނޫންކަމަށާއި، މިއީ ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ އައު ބާބެއް ބިނާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 1 ޖެނުއަރީ 2025 ގައި އަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފް.ޓީ.އޭ) ގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ޖެނުއަރީ 2025 އިން އޯގަސްޓު 2026 އަށް ޗައިނާއިން އެތެރެކުރި 440 މިލިއަން ޑޮލަރުގެ މުދަލުގެ ތެރެއިން 124 މިލިއަން ޑޮލަރަށްވުރެ ބޮޑު ބައެއް އެތެރެކޮށްފައިވަނީ މި އެއްބަސްވުމުގެ ދަށުންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ މަތީ ފަންތީގެ މަހުގެ އުފެއްދުންތަކާއި، އަތްތެރި މަސައްކަތްތަކާއި ހިދުމަތްތައް ޗައިނާގެ ބާޒާރަށް ނެރުމަށް ދިވެހި ވިޔަފާރިތަކާއެކު ޕްރޮސެސިންގއާއި ސަޕްލައި ޗެއިންގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޗައިނާގެ ކުންފުނިތަކަށް ދައުވަތު ދެއްވިއެވެ.
2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް "ވިޝަން 2040" ހާސިލުކުރުމަށްޓަކައި، 40 އަހަރުވީ ބޭރުގެ އިންވެސްޓްމަންޓާ ބެހޭ ގާނޫނު އުވާލައި، އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށް އައު ފޮރިން އިންވެސްޓްމަންޓް އެކްޓް ތައާރަފުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެއިން އިންވެސްޓްމަންޓް ބޭނުންވަނީ ހަމައެކަނި ފައިސާ ނުވަތަ ކެޕިޓަލް ހޯދުމަކަށް ނޫނެވެ. އޭގެ ބަދަލުގައި އައު ސިނާއަތްތައް އުފައްދައި، ހުނަރުވެރިކަން އިތުރުކޮށް، ދިވެހި ރައްޔިތުންނަށް އައު ވަޒީފާތަކާއި އިގުތިސާދީ ފުރުސަތުތައް ހުޅުވާލަދިނުމަކީ އިންވެސްޓްމަންޓްތަކުގެ ހަގީގީ މަގްސަދެވެ.
މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާގެ އިތުރުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.




