ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދެއްވައި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ތައާރަފުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުނު "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ރައްޔިތަކާއެކު ވަށާޖެހޭ ތަރައްގީ ހާސިލުކުރުމުގެ އަމާޒުގެ ދަށުން، މިނިވަން އަދި ފަހި ވިޔަފާރި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއަކަށްވީ ނަމަވެސް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހި، ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް އެ ޑޮލަރު ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މި ދާއިރާއަށް ހާއްސަ ޓެކްސް-ފްރީ ޒޯންތަކެއް ގާއިމުކުރަން ނިންމާފައިވާއިރު، އޭގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ތިން އަހަރުގެ މުއްދަތަކަށް ފަށާނީ އައްޑޫ ސިޓީއިން ކަމަށް ރައީސް ވިދާޅުވިއެވެ. މި ޒޯނުގައި ސަރުކާރުން ދޫކުރާ ބިމުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި، އިންކަމް ޓެކްސް މައާފުވުމުގެ އިތުރުން ވިހިން ތިރީހަށް ކޯޓާގެ ލުޔެއް ދިނުންފަދަ ފަހި ކަންކަން ހަމަޖެހިގެންދާނެއެވެ.
ޓެކްސް އާއި މާލީ އިތުރު ލުއިތަކަށް ބަލާއިރު، ސަރުކާރުން އެސްއެމްއީތަކަށް ދޭންޖެހޭ ފައިސާއިން، އެ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އޮފްސެޓްކޮށް ކަނޑައިދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި، ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ ތްރެޝޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑުކުރެވޭނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި އުފެއްދުންތެރިކަމުގެ ބޭނުމަށް ރާއްޖެއަށް އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ ހަމަ އެ ތާރީހުން ފެށިގެން 0 ޕަސެންޓަށް ބަދަލުކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވަމުން، މިކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ބާރުމިނުގައި ކުރެވެމުންދާ ކަމުގެ ފެހި ސިގުނަލް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ޒުވާން ވިޔަފާރިވެރިންނަށް ލޯނު ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ ގޮތުން ލޯނު ސްކީމުގެ ދެވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހު ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.




