އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝަހްބާޒް ޝަރީފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ދެއްވި މެންދުރު ފަރިކުޅުވުމުގައި އެމަނިކުފާނާއި މެޑަމް ސާޖިދާ އިއްޔެ ބައިވެރިވަޑައިގެންފިއެވެ. ރައީސްގެ ދެކަންބަލުންގެ އިތުރުން މި ފަރިއްކުޅުވުމުގައި ޕާކިސްތާނު ސަރުކާރުގެ ކެބިނެޓުގެ މިނިސްޓަރުންނާ އެހެނިހެން އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖާފަތުގައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާނީ އެކުވެރިކަމަށް އަލިއަޅުވާލައި، ދެ ގައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އޮކްޓޫބަރު މަހުގެ 20ވަނަ ދުވަހުން މިއަދުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފުގެ ދައުވަތަށް ކުރައްވާ ދަތުރުފުޅެކެވެ.



