ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. އެކަމަނާގެ މި ޒިޔާރަތަކީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައި ކުރެއްވި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި، އެ އިންސްޓިޓިއުޓުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާއި، ސިއްހީ ދާއިރާއިން ކުރަމުންދާ ފާހަގަކޮށްލެވޭ ދިރާސާތަކުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވަރަށް ގާތުން ބައްލަވާލައްވާފައެވެ.
ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަކީ އެ ޤައުމުގެ ޢާންމު ސިއްހަތާ ގުޅޭ ދާއިރާގެ އެންމެ އިސް އެއް މުއައްސަސާއެވެ. 1965 ވަނަ އަހަރު ގާއިމުކުރެވުނު މި މަރުކަޒަކީ ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ދެނެގަތުމާއި، ވެކްސިން އުފެއްދުމުގެ އިތުރުން، ލެބޯޓްރީ ތަޙުލީލުތައް ކުރުމާއި ސިއްހީ މުހިންމު ދިރާސާތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މައި މަރުކަޒެކެވެ.



