ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝަހްބާޒް ޝަރީފްގެ ދައުވަތަކަށް އެގައުމަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން (ޕީއެމް ހައުސް) ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފެވެ. މި ރަސްމިއްޔާތުގައި ދެގައުމުގެ ގައުމީ ސަލާމް އިއްވުމަށްފަހު، ޕާކިސްތާނުގެ އަސްކަރިއްޔާގެ ކޮންޓިޖެންޓަކުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އޮނަރ ގާޑެއް އަރުވާފައިވެއެވެ.
ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ އެގައުމުގެ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ތައާރަފްކޮށް އަރުވާފައެވެ. އަދި އެއަށްފަހު، ރާއްޖޭގެ މަތީ ފަންތީގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި އިސްބޭފުޅުންވެސް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައާރަފްކޮށް އަރުވާފައެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ މިއަހަރު 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެގައުމުގެ އިސްވެރިންގެ ބައިވެރިވުމާއެކު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގެ ގޯތިތެރޭގައި ހާއްސަ ގަސް އިންދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.




