ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ. އެ ގައުމަށް ވަޑައިގަތުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޕާކިސްތަނަށް ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއްކަމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބާއްވާ މި ބައްދަލުވުންތަކުގެ ތެރެއިން އެކުވެރިކަމުގެ ގުޅުން އާ އުސްމިންތަކަކަށް ވާސިލުވެ، ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ މުހިއްމު ބައްދަލުވުންތަކާއި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާތަކުގައި ސޮއިކުރުމަށްވެސް ރޭވިފަވެއެވެ.



