ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 22 ގެ ނިޔަލަށް އެމަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި، އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މީގެއިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ސޮއިކުރެވޭ މުހިންމު ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅު މި ކުރައްވަނީ، 26 ޖުލައި 1966 ގައި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިފަހުން، ޚާރިޖީ ގުޅުމަށް 60 އަހަރު ފުރެން ކައިރިވެފައިވާ ތާރީހީ ދަނޑިވަޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާރިޖީ ސިޔާސަތު "ދިވެހިރާއްޖެ އިސްކުރުން" ނުވަތަ "މޯލްޑިވްސް ފަސްޓް" މި ޝިއާރުގެ މައްޗަށް ބައްޓަންކުރައްވައިގެން، އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރެއްވުމަށާއި، ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މަގުފަހިވާނޭހެން ބައިނަލްއަގްވާމީ މައިދާނުގައި އެމަނިކުފާނު ގެންދަވަނީ ފާހަގަކޮށްލެވޭ ހަރަކާތްތެރި މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.





