ރަސްމާލެ ވޯޓަރފްރޮންޓް އެންޑް މެރީނާ މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުހައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ. މި މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ކުރިއަށް ގެންދެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް މަޝްރޫއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި އަލްއައްބާރު ވަނީ މި ބިޔަ މަޝްރޫއުއަށް އޭނާގެ ޝައުގުވެރިކަން އުފެދިގެން ދިޔަ ގޮތާއި، މީގެއިން ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ކުރިއެރުންތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި މަޝްރޫއެއް ހިންގުމަށް ފުރުސަތު ލިބުނުއިރު، އާދައިގެ ހޮޓާ މަޝްރޫއެއް ހިންގުމުގެ ބޭނުމެއް އޭނާއަށް ނެތް ކަމަށެވެ.
ނަމަވެސް، މިއީ ދިވެހި ރައްޔިތުންނަށް ފައިދާވާ ގޮތަށް ބިޔަ އިގްތިސާދީ ހަރަކާތަކަށް މަގުފަހިވާނެ މުހިންމު މަޝްރޫއެއްކަން އެނގުނު ހިސާބުން، އެކަމަށް އޭނާގެ ޝައުގުވެރިކަން އުފެދުނު ކަމަށް އަލްއައްބާރު ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ ތެރެއިން އެކަނިވެސް އަހަރަކު 900،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށް އީގަލް ހިލްސްއިން އަންދާޒާ ކުރެއެވެ. މިހާރު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި މަޝްރޫއު ކުރިއަށް ގެންދާ މުއްދަތުގައިވެސް އަދި މަޝްރޫއު ނިމުމަށްފަހުވެސް ޑިއުޓީއާއި ޓެކްސް މައާފް ކުރުން ހިމަނާފައިނުވާތީ، ދައުލަތަށް ޓެކްސްގެ ގޮތުގައި އެކަށީގެންވާ ބޮޑު އާމްދަނީއެއް ވަންނާނެއެވެ.
އަލްއައްބާރު ގަބޫލުކުރައްވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންނަކީ އެންމެ އެކަށީގެންވާ ވަރަށް ހޭދަކުރާނެ މަތީ ފަންތީގެ ފަތުރުވެރިންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ފަތުރުވެރިއަކު ކޮންމެ ދަތުރަކަށް އެވްރެޖްކޮށް 2000 އެމެރިކާ ޑޮލަރު ހޭދަ ކުރާނެއެވެ. އީގަލް ހިލްސްއަކީ އެ ފެންވަރުގެ ފަތުރުވެރިން ދަމައިގަންނާނެ މަތީ ފެންވަރުގެ ވަސީލަތްތައް ބިނާކުރުމުގެ ފުރިހަމަ ގާބިލުކަމާއި ތަޖުރިބާ ހުރި ކުންފުންޏެކެވެ.
"ފަތުރުވެރިކަން ފުޅާކުރުމުގެ ވާހަކަ ދައްކާއިރު، ރަނގަޅު ފެންވަރުގެ ފަތުރުވެރިކަމެއް ބޭނުންނަމަ، އަޅުގަނޑުމެންގެ އެބަހުރި އެފަދަ ފެންވަރު ރަނގަޅު ބޮޑު ސަރަހައްދުތައް ތަރައްގީ ކުރުމުގެ ތަޖުރިބާ. އެފަދަ ތަންތަނަށް ޝައުގުވެރިވާ ފަތުރުވެރިން އެވަރޭޖްކޮށް ކޮންމެ ދަތުރެއްގައި ގާތްގަނޑަކަށް 2000 ޑޮލަރު މީހަކަށް ހޭދަ ކުރާނެ،" އަލްއައްބާރު ވިދާޅުވިއެވެ.
މި މަޝްރޫއު ފުރިހަމައަށް ނިމޭއިރު، މުޅި ޖުމްލަ 20 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އީގަލް ހިލްސްއިން ލަފާކުރެއެވެ. އަދި އިމާރާތްކުރުމުގެ މަރުހަލާގެ އިންވެސްޓްމެންޓްތަކާއެކު ޖުމްލަ އާމްދަނީ 31 ބިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް އަންދާޒާކޮށްފަވެއެވެ. މިއީ ރާއްޖޭގެ މިހާރު ހިންގަމުންދާ މުޅި ފަތުރުވެރިކަމުގެ ސިނާއަތުގައި މިވަގުތު ހުރި ޖުމްލަ އިންވެސްޓްމެންޓަށްވުރެވެސް ބޮޑު އިންވެސްޓްމެންޓެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ތާރީހުގައިވެސް ހިންގާ އެންމެ ބޮޑު އަމަލީ މަޝްރޫއަށް ވެގެންދާނެއެވެ.
މިވަގުތު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު މަޝްރޫއުގެ އެއްބަސްވުމާ ގުޅޭގޮތުން ފައިނަލް މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އީގަލް ހިލްސްއިން ބުނީ، މި މަޝްވަރާތަކަށްފަހު އަމަލީ މަސައްކަތް ވަގުތުން ފަށަން އެކުންފުނި ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.






