މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމުގެ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި އާންމުކޮށްފިއެވެ. މިއީ މީޑިއާ ގްރާންޓުގެ ދަށުން ފައިސާ ލިބޭނެ މީޑިއާތައް ކަނޑައެޅުމުގެ މަސައްކަތް އެ ކޮމިޝަނާ ހާވާލުކުރުމާ ގުޅިގެން އެކުލަވާލާފައިވާ އުސޫލެކެވެ.
އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން މީޑިއާ ކޮމިޝަނާ ހަވާލުކޮށްފައިވަނީ، މީގެ ކުރިން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ފައިސާ ދޫކުރާނެ މީޑިއާތައް ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށެވެ. އެގޮތުން ފައިސާ ދޫކުރާނެ މީޑިއާތައް ކަނޑައެޅުމުގެ ކަންކަން ކޮމިޝަނާ ހަވާލުކުރުމަށްފަހު، އެކަމަށް ވުޒާރާއިން އެކުލަވާލާފައި އޮތް އުސޫލުވެސް ވަނީ ބާތިލުކޮށްފައެވެ.
މީޑިއާ ކޮމިޝަނުން އަލުން އެކުލަވާލި އުސޫލުގެ ދަށުން މާލީ އެހީއަށް އެދި ހުށަހެޅުމަށްޓަކައި މީޑިއާތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ މައިގަނޑު ޝަރުތުތައް:
- މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން މީޑިއާގެ ދަފުތަރުގައި ހިމެނިފައިވުން ނުވަތަ ގާނޫނު ނަންބަރު 16/2010 ގެ ދަށުން ރަޖިސްޓަރީކޮށްފައިވުން (އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގުން).
- އެއް އަހަރުދުވަހު މެދުނުކެނޑި ހިދުމަތް ދީފައިވާ އަމިއްލަ މީޑިއާއެއް ކަމުގައި ވުން.
- އާންމު ފަރާތްތަކުން މީޑިއާއާ މުއާމަލާތުކުރެވޭނެ އިންތިޒާމު ގާއިމުކޮށްފައި ވުން.
- ޓެކުހާ ގުޅޭ ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން އަންނަ ފަރާތަކަށް ވުން.
- ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ، އެ ސްކީމަށް ދައްކަންޖެހޭ ފައިސާ ދައްކަމުން އަންނަ ފަރާތަކަށް ވުން.
- ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތަށް މުވައްޒަފުންނަށް މުސާރަ ދެމުން އަންނަ ފަރާތަކަށް ވުން (2027 ވަނަ އަހަރުން ފެށިގެން ބަލައިގަންނާނީ ބޭންކުގެ ސިޓީ).
- ދަރަނި އަދާކުރުމަށް ހުކުމެއް ކޮށްފައިވާ ފަރާތެއް ނަމަ، އެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން އަންނަ ފަރާތަކަށް ވުން.
- މީޑިއާ ގްރާންޓުގެ އެހީ ލިބިފައިވާ ނަމަ، އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު ހުށަހެޅުން (2027 ވަނަ އަހަރުން ފެށިގެން).
މީގެއިތުރުން، އެއް މީޑިއާއަށްވުރެ ގިނަ މީޑިއާ ހިންގި ނަމަވެސް (މައި ކުންފުނީގެ ހިއްސާ އޮންނަ ނުވަތަ ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭހެން) މާލީ އެހީއަށް އެދި ހުށަހެޅޭނީ ކަނޑައަޅާ އެންމެ މީޑިއާއަކަށެވެ. އަދި ހިޔާރު އުސޫލުގެ ދަށުން އިހްތިޔާރު ކުރެވޭނީ ގިނަވެގެން ދެ މީޑިއަމް ނުވަތަ ދެ މަންސައެވެ.
- މާލީ އެހީ ދޭނެ މީޑިއާތައް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނެ ކަންތައްތައް އުސޫލުގެ ޖަދުވަލު 1 ގައި ކަނޑައަޅާފައިވާ ގޮތް:
- މީޑިއާގެ މުއްދަތު (10 މާކްސް).
- މުވައްޒަފުންގެ އަދަދު.
- މުވައްޒަފުންގެ ތައުލީމީ ފެންވަރާއި، ތަޖުރިބާއާއި، އިދާރީ އިންތިޒާމުތައް (ތައުލީމީ ފެންވަރަށް 10 މާކްސް، މީޑިއާ ދާއިރާގެ ތަޖުރިބާއަށް 7 މާކްސް، ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަފުންނާއި އަންހެން މުވައްޒަފުންނާއި މުސާރަ އަދި އިތުރު ބަސްތަކާއި އިދާރީ އިންތިޒާމުތަކަށް ވަކި މާކްސްތަކެއް).
- ބިޒްނަސް ޕްލޭން (މީޑިއާގެ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ގިނަވެގެން 10 މާކްސް؛ އެގްޒެކެޓިވް ސަމަރީއާއި ތަސައްވުރަށް 2 މާކްސް، ރިސްކް މެނޭޖްމަންޓާއި މޮނިޓަރިންގއަށް 2 މާކްސް، އަދި މާލީ ތަސައްވުރާއި ބަޖެޓަށް 6 މާކްސް).
- ކޮންޓެންޓާއި ބާވަތް (ޖުމްލަ 30 މާކްސް؛ އޭގެ ތެރޭގައި އެކްސްކްލޫސިވް އޮރިޖިނަލް ކޮންޓެންޓަށް 20 މާކްސް އަދި ޝާއިއުކުރާ ބާވަތްތަކަށް 10 މާކްސް ހިމެނެއެވެ).
- ފާއިތުވި 2 އަހަރު ތެރޭގައި މީޑިއާ ކޮމިޝަނުން މީޑިއާއަކާމެދު ފިޔަވަޅެއް އަޅައި އާންމުކޮށްފައިވާ ނަމަ، އެޕްލިކޭޝަނުން ކޮންމެ ފިޔަވަޅަކަށް 3 މާކްސް އުނިކުރެވޭނެއެވެ.
މާލީ އެހީ ދިނުމުގައި ބަލާނީ 50 މާކްސްއިން މަތިން ލިބޭ މީޑިއާތަކަށެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށެވެ. މާކްސް ދެވުނު ގޮތް ޕޯޓަލްއިން ފެންނާނެއެވެ. އަދި މާކްސްއާމެދު ހިތްހަމަނުޖެހޭނަމަ މުރާޖައާކުރުމަށް ހުށަހެޅުމުގެ ފުރުސަތުވެސް އޮވެއެވެ.
ފައިސާ ދޫކުރާނީ ކަނޑައެޅިފައިވާ ފޯމިއުލާއަކަށް ބަލައި، ކޮމިޝަނުން މީޑިއާތައް ކަނޑައެޅުމަށްފަހު ދާހިލީ ވުޒާރާއަށް ލިސްޓު ފޮނުވައި، އެ ވުޒާރާއިން މާލީ ވުޒާރާއަށް ފޮނުވައިގެންނެވެ. ފައިސާ ޖަމާކުރާނީ އެ މީޑިއާގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަށެވެ.
ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެކެވެ. ބަޖެޓުން މީޑިއާތަކަށް ދޫކުރަނީ ބަޖެޓުގެ 0.1 އިންސައްތައެވެ. މީގެ މައިގަނޑު މަގުސަދަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާތަކަކަށް ހެދުމާއި، ޒިންމާދާރު ނޫސްވެރިކަމާއި ވަޒީފާގެ ފުރުސަތުތައް ފަހިކުރުމެވެ.





