ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގައުމަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އަދަބިއްޔާތަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މ. ސިލްވަރކްލައުޑް، ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވައިފިއެވެ. އެމަނިކުފާނަށް މި ޝަރަފު އެރުވީ، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވެވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އައްބާސް އިބްރާހީމަކީ ދިވެހިބަހުގެ ގަވާއިދާއި އުސޫލުތަކަށް ކުޅަދާނަ، ފަންނުވެރި ލިޔުންތެރިއެކެވެ. މުއާމަލާތުކުރުމާއި ވާހަކަދެއްކުމުގެ ފަންނުގައި ލާމަސީލު މިސާލެއް ކަމުގައިވާ އެމަނިކުފާނަކީ، ދިވެހި އަދަބިއްޔާތުގެ އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވައި، މިއަދުވެސް އެ ހިދުމަތުގައި ސާބިތުވެވަޑައިގެން ހުންނެވި ބަހުގެ އަގުހުރި އެދުރުބޭފުޅެކެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އެމަނިކުފާނު ވެދެވަޑައިގަތުމުގެ އަސްލަކީ، ނޫސްވެރިކަމަށް ހިތްޕުޅުގައި އޮތް ހާއްސަ ލޯތްބެވެ. އެގޮތުން، 1959 ވަނަ އަހަރު ހަބަރުފެތުރުމުގެ ދާއިރާއާ ގުޅިވަޑައިގެން، ބޭރުގެ ހަބަރުތައް ރޭޑިއޯއިން އަޑުއައްސަވައިގެން ދިވެހިބަހަށް ތަރުޖަމާކުރައްވަން ފެއްޓެވިއެވެ. ހަމައެއާއެކު، ބޭރު ބަސްބަހުން ލިޔެވިފައިވާ ކުރުވާހަކަތައް، ބޭރު ލަފުޒުތައް ނުހިމަނައި، ފަރިތަ އަދި ރީތި ދިވެހިބަހުން ތަރުޖަމާކުރެއްވުމުގައި އެމަނިކުފާނު ނަމޫނާ ދެއްކެވިއެވެ.
އައްބާސް އިބްރާހީމަށް ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ އެންމެ ފަހި ފުރުސަތެއް ތަނަވަސްވެގެންދިޔައީ، 22 ޑިސެންބަރު 1996 ގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ރައީސްކަމާ ޙަވާލުވެވަޑައިގަތް ހިސާބުންނެވެ. އެ މަރުކަޒުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހިދުމަތްކުރެއްވި 12 އަހަރުގެ ދައުރުގައި އެމަނިކުފާނު ވަނީ ފާހަގަކޮށްލެވޭ ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އޭގެތެރެއިން ވެސް، 2000 ވަނަ އަހަރު ދިވެހިބަސްފޮތް ކޮމްޕިއުޓަރުގެ އެހީގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސެވިކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކީރިތި ގުރްއާނުގެ ދިވެހި ތަރުޖަމާ ބައްލަވައި، ދިވެހިބަހުގެ ހަމަތަކާ އެއްގޮތަށް ޢިބާރާތްތައް ފުރިހަމަކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ، ދިވެހިބަހުގެ އެކެޑަމީގެ "ބަސް ކޮމިޓީ"ގެ މެންބަރުކަން ކުރައްވައި، މިހާރުވެސް އެ އެކެޑަމީގެ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ އެމަނިކުފާނެވެ. ކުރުވާހަކައާއި، ތަފާތު މައުލޫތަކަށް މަޒުމޫނު ލިޔުއްވުމުގެ އިތުރުން، ޅެންވެރިކަމުގެ ފަންނުގައިވެސް އެމަނިކުފާނަކީ ފާހަގަކޮށްލެވޭ ހިދުމަތްތެރިއެކެވެ.
1979 ވަނަ އަހަރުގެ ނޮވެންބަރު 27 ގައި ރޭޑިއޯ މޯލްޑިވްސްއާ އަލުން ގުޅިވަޑައިގަތުމަށްފަހު، ރޭޑިއޯ ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރައްވައި، ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިބަހާއި އަދަބިއްޔާތު ކުރިއެރުވުމަށް އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވިއެވެ.
ގައުމާއި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އިޚްލާޞްތެރި ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދައުލަތުން ވަނީ އެކި މުނާސަބަތުތަކުގައި މަތިވެރި އިނާމުތަކާއި ޝަރަފުތައް އަރުވާފައެވެ. އެގޮތުން:
- 1985 ގައި ނޫސްވެރިކަމުގެ ރޮނގުން ޢާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު
- 1990 ގައި މިނިވަން 25 ގެ ޢާންމު ހިދުމަތުގެ އިނާމު
- 2004 ގައި ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ނޫސްވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު
ނޫސްވެރިކަމުގެ ރަން ގަލަމާއި އަލިމަސް ގަލަން، އަދި މީޑިއާ ކައުންސިލުން ދެއްވި "ހަޔާތުގެ އަރުތަ" އިނާމު އައްބާސް އިބްރާހީމަށް ވަނީ ލިބިވަޑައިގެންފައެވެ.
އެމަނިކުފާނަށް ދައުލަތުގެ މަތިވެރި ޢިއްޒަތް ކަމުގައިވާ 'ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން' އަރުވާފައިވަނީ 26 ޖުލައި 2013 ގައެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި މެދުކެނޑުމެއްނެތި ހިދުމަތް ކުރައްވާތާ 67 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އައްބާސް އިބްރާހީމް މިހާރު ހުންނެވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރުގެ މަގާމުގައެވެ.




