ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ މިނިވަންކަން ކަށަވަރުކޮށްދީ، ވެރިކަން ހިންގުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭ ދައުލަތެއްގެ ނިޒާމު ކަމުގައި، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހިރާއްޖޭގެ ފަންނީ ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ގައުމުގެ ތާރީހަށް އަލިއަޅުވާލައްވަމުން އެކަމަނާ ފާހަގަކުރެއްވީ ދިވެހިންނަކީ ގިނަ ދުވަސްތަކެއް ވަންދެން ރަސްކަމެއްގެ ދަށުން ވެރިކަން ހިންގަމުން އައި ބައެއް ކަމަށާއި، ޖުމްހޫރީ ފިކުރަކީ ދިވެހިންގެ ތެރެޔަށް އައި ވަރަށް ފަހުގެ ފިކުރެއް ކަމުގައެވެ.
ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ފަލްސަފާ އިލްމުވެރިއެއްގެ ބަސްފުޅަކަށް ހަވާލާދެއްވައި މިނިސްޓަރ ހީނާ ވަލީދު ވިދާޅުވީ، އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންނަކީ ގައުމު ތަރައްގީކޮށް ކުރިއެރުވުމަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އެގޮތުން ގައުމީ ތަރައްގީއަށް އެ ބޭފުޅުން ކުރައްވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، އެކި ދާއިރާތަކުން ގައުމަށް ހިދުމަތްކުރައްވާ ފަންނީ ބޭފުޅުންގެ މަސައްކަތްތަކުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެފަރާތްތަކަށް އަރުވަމުންދާ ޝަރަފާއި ގައުމީ އިނާމުތަކަށް ވަޒީރު ތައުރީފުކުރެއްވިއެވެ. އަދި ފަންނުވެރިންނާއި ހިދުމަތްތެރިންގެ އަގު ވަޒަންކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އެކަމަނާ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.





