ގައުމާއި ވަތަނުގެ ދިފާއުގައި ފިކުރާއި އަމަލުތައް ސީދާކޮށް، ގައުމުގެ ކުރިއެރުމާއި މަދަނީ ތަހުޒީބީ ހަޔާތަށް ފުރުސަތު ތަނަވަސްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ އަޣުލަބިއްޔަތު ނިންމުމުގެ މަތިން ވެރިއަކު އިންތިޚާބުކުރާ ޑިމޮކްރެޓިކް ނިޒާމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޖުމްހޫރީ ދުވަހަކީ ދިވެހިންގެ ޑިމޮކްރެޓިކް ބަސް އިއްވައި، ގައުމުގެ މުސްތަގުބަލާމެދު ފުންކޮށް ވިސްނާ ފިކުރުކުރަންވީ މުހިންމު ދުވަހެއްކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، މި ޖަލްސާގައި ޝަރަފުވެރިކަމުގެ އިނާމާއި ހިތްވަރުދިނުމުގެ އިނާމު ހާސިލުކުރެއްވި އެންމެހައި ފަރާތްތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖެއަކީ މާތްﷲގެ މަތިވެރި ރަހުމަތްފުޅުން އަމާންކަމާއި ނިޢުމަތްތައް ލިބިފައިވާ ނަސީބުވެރި ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހަތަރުހާސް އަހަރުވީ ދިގު ތާރީޚަށާއި ދުނިޔޭގެ ތަޖުރިބާތަކަށް ބަލާއިރު، ވަރަށް ފަހަކާ ޖެހެންދެން އެއްލައްކަ މީހުންވެސް ހަމަނުވާ ކުޑަ އާބާދީއަކުން މިފަދަ ބޮޑު ސަރަހައްދެއް ދިފާއުކޮށް މިނިވަންކަންމަތީ ދެމިއޮތުމަކީ ﷲ މިންވަރުކުރެއްވި ޚާއްސަ މަތިވެރި ނިޢުމަތެއް ކަމަށެވެ.
އަމިއްލަ މިނިވަން ފަސްގަނޑެއް ނެތި، އަނިޔާވެރިކަމާއި ނިކަމެތިކަން ތަހައްމަލުކުރަމުންދާ އެތައް މިލިއަން އިންސާނުންގެ ހިތްދަތި ހާލަތު މިއަދު ފެންނަމުންދާކަން ފާހަގަކުރައްވައި، ދިވެހިންނަށް މިންވަރުކުރައްވާފައިވާ މި މަތިވެރި ނިޢުމަތަށްޓަކައި އަބަދުވެސް ﷲގެ ހަޟްރަތަށް ޝުކުރުވެރިވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމީ ވާޖިބާއި މަސްލަހަތު އިސްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "އަޅުގަނޑުމެންގެ ގައުމާ ވަތަނުގެ ދިފާއުގައި ފިކުރާއި އަމަލުތައް ސީދާކުރަންޖެހޭނެ. އަޅުގަނޑުމެންގެ ކުރިއެރުމާއި މަދަނީ ތަހުޒީބު ހަޔާތަށް ޖާގަ ހޯދަން ޖެހޭނެ،" ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހި ކާބަފައިން ސާބިތުކަމާއެކު ދެމެހެއްޓެވި ހަރުދަނާ ގައުމީ ވިސްނުމުގައި ފައިތިލަ ސާބިތުކޮށް، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ކުރިއަރައިދިއުމަށްޓަކައި އެންމެހައި ރައްޔިތުން އަތުގުޅާލައިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ.





