ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ އަދަދު އެއްލައްކައަށްވުރެ މައްޗަށް އަރައި، އެ ޕާޓީން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. މި އަމާޒަށް ވާސިލުވެވިފައި މިވަނީ، ޕާޓީގެ މެންބަރުންގެ އަދަދު އެ އަދަދަށް އިތުރުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޖައްމަދު މުއިއްޒު ފާޅުކުރެއްވިތާ އެންމެ ދެ މަސްދުވަހުގެ ތެރޭގައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕީއެންސީގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވަމުން ދިޔުމަކީ ސަޕޯޓަރުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި، ވަފާތެރިކަމާއި، ޕާޓީއަށް އޮތް ބޮޑު އިތުބާރު ހާމަކޮށްދޭ އަލިގަދަ ހެއްކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މާ ލަސްތަކެއް ނުވެ ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް އަރާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު އޭރު ފާޅުކުރެއްވި ޔަގީންކަން މިއަދު މިވަނީ ހަގީގަތަކަށް ވެފައެވެ.
އެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ޕާޓީގެ ސަފުތައް ބަދަހިވެ މެންބަރުންގެ އަދަދު އިތުރުވަމުން ދިޔުމަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށާއި، ގައުމަށް ތަރައްގީ ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް އަދި ބާރެއް ކަމުގައެވެ.
ޕީއެންސީން މި ހޯދި ތާރީހީ ކުރިއެރުމާއެކު، އެ ޕާޓީ ވެގެން ގޮސްފައިވަނީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އޮތް އެންމެ ބޮޑު އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސިޔާސީ ޕާޓީއަށެވެ.



