ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ސީދާ ސަރުކާރާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީ.ސީ.ބީ) ގެ ދެ ލައުންޖު މާލެއާއި ހުޅުމާލެ ފޭސް 1 ގައި ރަސްމީކޮށް ހުޅުވައިފި އެވެ.
މިއީ ރައްޔިތުންނާ ގާތުން ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ގާއިމުކުރި ދެ ލައުންޖެވެ. އެގޮތުން، މާލޭގައި ހުޅުވި ލައުންޖު ގާއިމުކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލްގަ އެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގް ގެ ތިރީ ފަންގިފިލާގަ އެވެ.
ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް މި ދެ ލައުންޖުން ރައްޔިތުންނަށް ހިދުމަތް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ހުޅުމާލެ ފޭސް 2 ގައިވެސް ސީ.ސީ.ބީގެ ލައުންޖެއް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އެކުލަވާލީ މި އަހަރުގެ އެޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ. ރައްޔިތުންގެ ޝަކުވާތައް 24 ގަޑިއިރު ބަލައިގަތުމަށް އެކުލަވާލި މި ބިއުރޯގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ހާއްސަ ވެބް ޕޯޓަލެއް ތައާރަފުކޮށް، 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއްވެސް ވަނީ ގާއިމުކޮށްފަ އެވެ. އެ ކޯލް ސެންޓަރުގެ ހޮޓްލައިން ނަންބަރު 1470 އަށް ގުޅައިގެން ރައްޔިތުންނަށް ކޮންމެ ވަގުތަކުވެސް ހިޔާލާއި ޝަކުވާ ހުށަހެޅޭނެ އެވެ.





