ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން 3 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި، ފާއިތުވި މުއްދަތުގައި ގައުމީ ސިޔާދަތާއި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށް ސަރުކާރުން އިސްކަންދެއްވައިގެން ހިންގެވި މުހިންމު މަޝްރޫއުތަކާއި ހާސިލުކުރެވުނު ކަންކަމުގެ ތަފްސީލުތައް އާންމުކުރައްވައިފިއެވެ. މި ޖަލްސާގައި ރައީސް ވަނީ ވޭތުވެދިޔަ 156 ހަފްތާގެ ތެރޭގައި ގައުމުގެ އިސްތިގްލާލާއި ދާހިލީ އަމާންކަން ކަށަވަރުކުރުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތްތައް ހިމެނޭ ހާއްސަ ފޮތެއް އޮންލައިންކޮށް އިފްތިތާހު ކޮށްދެއްވާފައެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އެންމެހައި ސިޔާސަތުތައް ބިނާކުރެވިފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން އައުގާފު ކަންކަމަށް ހާއްސަކޮށްގެން ކުންފުންޏެއް އުފައްދައި، ވަގުފް އިމާރާތެއް އެޅުމުގެ އެންމެހައި ތައްޔާރީތައް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޒަކާތު ހައުސް ތައާރަފްކޮށް، ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި، އިސްލާމީ ކަންކަމާ ހިލާފު އަމަލުތައް ހުއްޓުވުމަށް ހާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ގައުމަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށާއި، އަނިޔާވެރި އިސްރާއީލާއެކު އެއްވެސް ގުޅުމެއް ނުބަހައްޓަވާނެ ކަމަށް ނިންމެވި ނިންމެވުން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ގައުމީ ދިފާއާއި ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވީ، ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި އަޣުލަބިއްޔަތާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން މެނުވީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމެވެ. އަދި ބޭރުގެ އެއްވެސް އަސްކަރިއްޔާއަކަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދައާއެކު ކަމަށް ވަނީ ކަނޑައަޅާފައެވެ.
ދާހިލީ ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމުގެ ދާއިރާއިން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 99 އިންސައްތަ ބަޔޯމެޓްރިކް މައުލޫމާތު މިހާރު އެއްކުރެވިފައިވާ ކަމަށާއި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޭންގު ކުށްތައް ބޮޑުތަނުން މަދުކުރެވި، މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ޑްރަގް ކޯޓުގެ ހިދުމަތްތައް ތަނަވަސް އިމާރާތަކަށް ބަދަލުކޮށް، ގާނޫނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނެވިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިޖުތިމާއީ ރައްކާތެރިކަމާއި އާންމު ސިއްހަތު ހިމާޔަތްކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި، ވޭޕް ބޭންކުރުމާއި، އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުން ހިމެނެއެވެ. އަދި ކުރިމަގުގެ ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށްޓަކައި "ޖެނެރޭޝަނަލް ބޭން" އެއް ތައާރަފްކޮށް، ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޔާންކުރައްވާފައެވެ.





