ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭނެ ފަދަ އެއްވެސް އިންވެސްޓްމެންޓެއް މި ސަރުކާރުން ރާއްޖެއަށް ނުގެންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މާޒީއަށް ބަލައިލުމުން، ޤައުމުގެ މިނިވަންކަމާއި ސިޔާދަތާ މެދު އެ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ވަރަށް ސާފުކޮށް ފެންނަން އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ތަކުރާރުކޮށް ވިދާޅުވީ، މި ސަރުކާރުން ރާއްޖެއަށް ގެންނަ ކޮންމެ އިންވެސްޓްމަންޓަކީ ވެސް ދިވެހިންގެ ފުރިހަމަ ބާރާއި އިޚްތިޔާރު ހިނގާ، އަދި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް އެއްވެސް ލޮޅުމެއް ނާރާނެހެން ގެންނަ ތަރައްޤީގެ މަޝްރޫޢުތަކަކަށް ވާނެ ކަމަށެވެ.