މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ތަރައްގީކުރަމުންދާ ގައުމީ ސަރފިން ސްޓޭޑިއަމްގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި، ރާއްޖޭގެ ސަރފިން ކޮމިއުނިޓީއަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ތަން ފުރިހަމަކޮށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމުގެ މަޝްރޫއުތައް ރޭވިފައިވާގޮތަށް ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން ސަރފިން ކޮމިއުނިޓީއަށް ބޭނުންވާ މި މުހިންމު ފެސިލިޓީގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މާލޭގެ މަޝްހޫރު ސަރފިން ސަރަހައްދެއް ކަމަށްވާ ރާޅުގަނޑު ސަރަހައްދުގައި ބިނާކުރާ މި ސްޓޭޑިއަމްގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ޗައިނާގެ ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް 18 ވަނަ ދުވަހުއެވެ.
މި ސްޓޭޑިއަމްގައި ބެލުންތެރިން ތިބޭ ސަރަހައްދަކާއި، މީޑިއާ އޭރިއާއަކާއި، ކޮމެންޓަރީ ބޮކްސްއަކާއި، ކެމެރާ ޑެކާއި، ޖިމަކާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ކޮންފަރެންސް ފެސިލިޓީތައް ހިމެނޭނެއެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ޒަމާނީ ވަސީލަތްތައް ލިބި، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަރފިން އަދި ބޮޑީބޯޑިން ކުރިއެރުވުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.





