ފަންނީ އެކި ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި، ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި އަމަލުކުރައްވާނެ އުސޫލެއް ކަނޑައަޅުއްވައި، އެއަށް އަމަލުކުރައްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި އުސޫލު ކަނޑައަޅާފައިވަނީ ނޮވެންބަރު 15 ވީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ. މި އުސޫލުގެ މައިގަނޑު މަގްސަދަކީ އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ދާއިރާތަކުގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުންގެ ލަފާ ހޯދުމަށް އުފައްދާ ކޮމިޓީތަކާއި މަޖިލިސް ހިންގާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލެއްވުމެވެ.
މިގޮތުން، ކޮންމެ ވުޒާރާއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކެއް އެކުލަވާލައްވައި، އެ ދާއިރާތަކުން ފަންނީ ގާބިލުކަން ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ގައުމީ ހިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.




