ކީރިތި ގުރްއާނާ ބެހޭ ވަގްފު ބިލްޑިންގ 'ދާރުއްނޫރު' މަޝްރޫއު އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ސަރުކާރަށް 156 ހަފުތާ ފުރުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި އިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލިއެވެ. މިއީ ވަގްފުގެ ދާއިރާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މުހިންމު މަސައްކަތްތަކުގެ ދަށުން ބިނާކުރާ އިމާރާތެކެވެ.
މި މަޝްރޫއުގެ ދަށުން ބިނާކުރާ 15 ބުރީގެ އިމާރާތުން ލިބޭ މާލީ ނަފާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ކީރިތި ގުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށެވެ. މުޅި އިމާރާތުންވެސް އެންމެ އުފެއްދުންތެރި ގޮތެއްގައި މާލީ ނަފާ ލިބޭނެހެން ފަރުމާކޮށްފައިވާ މި އިމާރާތުގައި އޮފީސް ބަޔާއި، ކޮމާޝިއަލް އޭރިއާތަކާއި، ހޯލްއާއި، މީޓިންގ ރޫމްތަކާއި، ލައިބްރަރީގެ އިތުރުން ރެސްޓޯރެންޓު ފަދަ ތަފާތު ވަސީލަތްތައް ހިމެނޭނެއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރިގޮތުގައި، 'ދާރުއްނޫރު' މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ފުރިހަމައަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މި އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެ މިނިސްޓްރީއިން މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ އިތުރުންވެސް، މާލެ ސަރަހައްދުގައި އިތުރު ދެ ވަގްފު އިމާރާތެއްގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފަވެއެވެ. އެއީ 'ދާރުލްއަރްގަމް' އަދި 'ދާރުއްސަލާމް' ވަގްފު މަޝްރޫއެވެ. މިއީ އިސްލާމީ ދާއިރާގެ މަސައްކަތްތައް ކުރިއަށްދާއިރު، ދައުލަތުގެ ބަޖެޓަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކެކެވެ.
އިސްލާމިކް މިނިސްޓްރީއިން އަންދާޒާކުރާ ގޮތުގައި، މި ވަގްފު މަޝްރޫއުތައް ނިމުމުން ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އިސްލާމީ ދާއިރާގެ އެކި މަސައްކަތްތައް އަމިއްލައަށް ކުރިއަށްގެންދެވޭ މިންވަރަށް ވުޒާރާއަށް އެކަށީގެންވާ ނަފާއެއް ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ އަދި އެދެވޭ ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫއުތަކެއްކަމުގައި އެ މިނިސްޓްރީއިން ފާހަގަކުރެއްވިއެވެ.





