މި ސަރުކާރު ދެމިއޮތްހާ ހިނދަކު އިސްރާއީލާއެކު ދިވެހިރާއްޖެއިން އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ޤާނޫނު އިތުރަށް ހަރުދަނާކޮށް އިސްލާޙު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަބަދުވެސް ބައްޓަންކުރައްވާނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި އެންމެ ރަނގަޅު ގޮތް އިސްކުރައްވައިގެން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، އިސްރާއީލު ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކާއެކު ދިވެހިރާއްޖެއިން ގުޅުން ބާއްވާނެކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމަށާއި ރައްޔިތުންނަށް ލާބައާއި މަންފާ ހުރި ކޮންމެ ކަމެއްގައި އެ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލައިގައި ޤާނޫނަށް ގެންނަންޖެހޭ އިތުރު އިސްލާޙުތައް ގެނެސް، އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖެ ނާދެވޭނެކަން ޤާނޫނީ ގޮތުން ކަށަވަރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތު އިތުރަށް ސާފުވެގެންދިޔަ ކަމެކެވެ.




