ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް 24 ގަޑިއިރު ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރައްވާފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ހާއްސަ ޕޯޓަލެއް މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޕޯޓަލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ސަރުކާރުން ގާތުން ބެއްލެވުމަށްޓަކައި ތައާރަފުކުރެއްވި ޕޯޓަލެކެވެ.
މި ހިދުމަތް މިވަގުތު ވެބްސައިޓް މެދުވެރިކޮށް ލިބެން ހުރިއިރު، ކައިރި މުސްތަގުބަލެއްގައި މި ހިދުމަތަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއްވެސް ތައާރަފުކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް މިހާރުވެސް މި ހިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.



