މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ ބާއްވަވާ ރަސްމީ ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 57 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފިއެވެ.
މާދަމާރޭ 8:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައި އޮންނަ މި ޖަލްސާގައި، ގައުމީ އިނާމާބެހޭ ކޮމިޓީން ހޮއްވެވި 56 ބޭފުޅުންނަށް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ. މީގެ ކުރިން، މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައިވެސް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް ވަނީ މި އިނާމު ދެއްވާފައެވެ.
ހާއްސަ އިނާމާބެހޭ ކޮމިޓީން ހޮއްވެވި 57 ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުގެ ގޮތުގައި ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. މި އަހަރު ހާއްސަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 6 ބޭފުޅުންނާއި، ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅުންގެ އިތުރުން، ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދި އެއް ފަރާތެކެވެ.



