ސަރުކާރަށް ތިން އަހަރު ފުރުނުއިރު، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް އިގްތިސާދު ސިންގަލް ޑިޖިޓް ޑެފިސިޓަކަށް ގެނައުމަށް މުހިންމު އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުން ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ބަޖެޓުގެ ބޮޑު ޑެފިސިޓެއް އޮތް ނަމަވެސް، އެޅުއްވި މާލީ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން 2025 ވަނަ އަހަރުގެ ބަޖެޓާއެކު އިގްތިސާދީ ނަތީޖާ ބޮޑުތަނުން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.
ދަރަނި ދެއްކުމުގެ ދާއިރާއިން ހޯދުނު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ނުދައްކާ ހުރި ބިލްތަކުގެ ތެރެއިން 25.13 ބިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު އެކަނިވެސް 1.45 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާއިރު، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ޖުމްލަ 4003 މިލިއަން ޑޮލަރުގެ ދަރަނި ދައްކައި، ދައުލަތުގެ ރިޒާވް 1.3 ބިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށާއި އެހެނިހެން ގޮތްގޮތުން އިގްތިސާދަށް ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، ފްލައިޓް ރޫޓުތައް ބަދަލުކުރުމާއި ޖެޓް ފިއުލް އަގުހެޔޮކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި، ކޯލްޑް ސްޓޮރެޖްތަކާއި އައިސްޕްލާންޓްތައް ބިނާކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަންހެނުންނަށާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ލޯނު ސްކީމްތައް ތައާރަފްކޮށް، އިންޓަރނޭޝަނަލް ޕޭމަންޓް ޕޯޓަލްތަކާއި އަލީބާބާ މެދުވެރިކޮށް ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިކޮށްދީ، ޑޮލަރު ސްވައިޕްގެ ހިދުމަތްވެސް ތައާރަފްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް ފަށާފައިވާ "މޯލްޑިވްސް 2.0" ނިޒާމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ހުއްޓުވައި، ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން މައި އިދާރާތައް މެނޭޖުކުރުމަށް އެޕްލިކޭޝަނެއް ތައާރަފްކޮށް، އެކި ދާއިރާތަކުގެ ރެކޯޑުތަކާއި ލައިސެންސްތައް އެއް ވިއުގައަކުން ލިބޭނެ ގޮތް ހަމަޖެއްސުމާއި، ޑިޖިޓަލް އާރކައިވް އެއް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





