ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިންގުމަށް ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ވަނީ މުހިންމު އަދި ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް ބިނާކުރުމުގެ ބަދަލުގައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އާއިލާތަކުގެ ޖީބަށް ލުއިފަސޭހަކޮށްދިނުމާއި، ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތައް ހިންގުމާއި، އަދި މުޖުތަމައުގެ އެންމެން ޝާމިލުވާފަދަ ހިތްފަސޭހަ ވެށްޓެއް ގާއިމުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގުނު ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތައް
ހަމައެކަނި މާލެ ސަރަހައްދަށް ބަރޯސާވުމުގެ ބަދަލުގައި، ރާއްޖޭގެ އަތޮޅުތަކުގައި ބޯހިޔާވަހިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން އެޗްޑީސީން ވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން 3,960 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީއާއި، ހދ. ހަނިމާދޫ، ނެއްލައިދޫ، އަދި ނޮޅިވަރަންފަރުގެ އިތުރުން ށ. މިލަންދޫ، ރ. ދުވާފަރު، ޅ. ނައިފަރު، އަދި އައްޑޫ ސިޓީގެ ގަން، ފޭދޫ، ހިތަދޫ، އަދި މަރަދޫ ހިމެނެއެވެ.
މީގެ އިތުރުން، މަތީ ތައުލީމު ހާސިލުކުރުމަށް އަތޮޅުތަކުން މާލެ އަންނަ ދަރިވަރުންނަށް ހާއްސަކޮށްގެން ތަރައްގީކުރި 198 ކޯ-ލިވިންގ ސްޓޫޑެންޓް އެކޮމޮޑޭޝަން ޖާގަ ހިމެނޭ "އެކުވެހި" މިހާރުވަނީ ބޭނުންކުރަން ފެށުމާ ހަމަޔަށް އައިސްފައެވެ.
އާއިލާތަކުގެ ޖީބަށް ލުއިކޮށްދިނުމަށް ގެނެވުނު ތާރީހީ ހެޔޮ ބަދަލުތައް
ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށް، ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފާއިތުވި ތިން އަހަރު ތެރޭގައި މާލީ ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތައިގެ ޑިސްކައުންޓެއް ދީފައިވާއިރު، މަހު ކުލިން 4,200 ރުފިޔާ އުނިކޮށް، މެނޭޖްމަންޓް ފީ 1,000 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އަދި އިންޓަރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ވަނީ ދަށްކޮށްފައެވެ.
ހަމައެހެންމެ، ހިޔާ ފްލެޓްތަކުގެ ކޮންމެ ފްލެޓަކުން އެވްރެޖްކޮށް 200,000 ރުފިޔާ އުނިކޮށްދީ، ކުރިން މަހަކު ދައްކަމުން އައި 8,500 ރުފިޔާގެ ކުލި 7 އަހަރު ދުވަހުގެ މުއްދަތަށް މަހަކު 4,984.21 ރުފިޔާއަށް ވަނީ ކުޑަކޮށްދީފައެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލިން 20 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް ވެސް ވަނީ ދީފައެވެ.
ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކާއި ބޯހިޔާވަހިކަމުގެ ޔަގީންކަން
ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން އެޗްޑީސީން ވަނީ ބިން އިތުރުކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. ތާރީހީ ބޮޑު މަޝްރޫއެއްގެ ގޮތުން ފެށި "ރަސްމާލެ" ހިއްކުމުގެ މަސައްކަތުން، 2026 ނޮވެންބަރު 10 ގެ ނިޔަލަށް 713.43 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ރަސްމާލެ | ފޮޓޯ: ޚުލާސާ
މީގެއިތުރުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 698 ގޯއްޗާއި ކުރިމަގުގެ ތަރައްގީއަށްޓަކައި ހުޅުމާލެ 3 ވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އަދި ސިނާއީ އަދި ވިޔަފާރީގެ ހިދުމަތްތައް ފުޅާކުރުމަށް ތިލަފުށިން 117 ހެކްޓަރު ހިއްކާފައިވާއިރު، އިތުރު 102 ހެކްޓަރު ހިއްކުމުގެ މަޝްރޫއު ވެސް މިހާރު ވަނީ ފަށާފައެވެ.
ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ، ރައްކާތެރި ތަނަކަށް ހެދުން
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި އިތުރު ހިދުމަތްތައް ވީހާވެސް ގާތުން ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، 20 އަހަރު ދުވަހަށް ދިގުލައިގެން ގޮސްފައިވާ 5 ތަރީގެ "މޭންހަޓަން ގްރޭންޑް ހޮޓެލް" ހުޅުވާފައިވާއިރު، އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަ "ހިޔާ ވެހި" (ރީތިގަސް) މަޝްރޫއު ނިންމައި ފުލެޓުތައް ވަނީ މުވައްޒަފުންނަށް ހަވާލުކޮށްފައެވެ. ހިޔާ 16 ޓަވަރުގައި އިތުރު 32 ލިފްޓް ބަހައްޓާފައިވުމުގެ އިތުރުން، ސިއްހީ، ތައުލީމީ، ޝަރުއީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ގިނަ ބިންތަކެއް ވަނީ ދޫކޮށްފައެވެ.
ޓްރެފިކް ފްލޯ ރަނގަޅުކޮށް މަގުތައް އަމާންކުރުމަށް އާ ރައުންޑްއެބައުޓްތަކާއި 88 ސްޕީޑް ބަމްޕަރު ހަރުކޮށް، ގިނަ ޕާކުތަކާއި އައުޓްޑޯ ޖިމްތައް ވެސް ވަނީ ތަރައްގީކޮށްފައެވެ.

މޭންހަޓަން ގްރޭންޑް ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތު | ފޮޓޯ: ޚުލާސާ
ތިމާވެށްޓާއި ހިންގުން ހަރުދަނާކުރުން
ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން، 2028 ގެ ނިޔަލަށް 1 މިލިއަން ގަސް އިންދުމަށް އެޗްޑީސީން ވެފައިވާ ވައުދުގެ ދަށުން މިހާތަނަށް 115,377 ގަސް ވަނީ އިންދާފައެވެ. އަދި ކުޑަގިރިއާއި ހުޅުމާލޭގައި މުރަކަ އިންދުމުގެ ޕްރޮގްރާމްތައް ވެސް ވަނީ ހިންގާފައެވެ.
ކޯޕަރޭޝަންގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރަން ފެށި ރާއްޖޭގެ ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏަށް އެޗްޑީސީ ވެފައިވެއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމަށް ކުރި މަސައްކަތުގެ އަގުވަޒަންކޮށް "ރިވެލި އެވޯޑް 2026" ލިބިފައިވާއިރު، މާލީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތައް ފަސް އަހަރަށް ރީސްޓްރަކްޗަރކޮށް ލިކުއިޑިޓީއަށް ބޮޑު ލުޔެއް ވަނީ ހޯދައިދީފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމަށް ކުރި މަސައްކަތުގެ އަގުވަޒަންކޮށް "ރިވެލި އެވޯޑް 2026" އެޗް.ޑީ.ސީ އަށް ލިބުން | ފޮޓޯ: އެޗް.ޑީ.ސީ
ފާއިތުވި ތިން އަހަރަކީ އާ އުންމީދުތަކާއި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަގީގަތަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިން ކާމިޔާބު ތިން އަހަރެވެ. އަލަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭން 2025-2030 ގެ އަލީގައި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްދީ، ދިވެހިން ފަހުރުވެރިވާފަދަ ޒަމާނީ މާހައުލެއް ބިނާކުރުމުގައި އެޗްޑީސީ ސާބިތުކަމާއެކު ދެމި އޮންނާނެއެވެ.





