ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ގައުމީ އިނާމު، އެމް.ޑަބްލިޔު.އެސް.ސީގެ 4 މުވައްޒަފަކަށް ލިބިއްޖެއެވެ. މި އިނާމު ހާސިލުކުރެއްވި މުވައްޒަފުންނަކީ ކުންފުނީގެ ތަރައްގީއަށާއި ދިވެހި ގައުމަށް ނަމޫނާ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅުންނެވެ.
އިނާމު ލިބިވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީ ދައުލަތަށާއި، އެމް.ޑަބްލިޔު.އެސް.އޭ އަދި އެމް.ޑަބްލިޔު.އެސް.ސީއަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަލްފާލިލް މުސްތަފާ ހަސަންއެވެ. 16 އޮގަސްޓް 1995 ގައި ވޯޓަރ ޕްރޮޑަކްޝަން އޮފިސަރުގެ މަގާމުން ގުޅިވަޑައިގެން މިހާރު ސީނިއަރ ޕްރީފޯމް އޮޕަރޭޝަންސް އިންޖިނިއަރުގެ މަގާމުގައި ހުންނެވި މުސްތަފާ، ބޮޓަލް ފެން ޕްލާންޓް ގާއިމުކޮށް ހިންގުމާއި، ޕްލާންޓް އަޕްގްރޭޑްކުރުމާއި، އާ މެޝިނަރީ އިންސްޓޯލްކުރުމުގެ އިތުރުން ޕްރީފޯމް ލައިޓްވެއިޓިންގ ފަދަ މުހިންމު ފަންނީ މަޝްރޫއުތަކުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން 2006 އިން 2008 އަށް މުވައްޒަފުންގެ ކްލަބުގެ ރައީސްކަން ކުރައްވައި، 1996، 1997 އަދި 2018 ވަނަ އަހަރު ކުންފުނީގެ ފާހަގަކޮށްލެވޭ އެވޯޑުތައްވެސް ހާސިލުކުރައްވާފައިވެއެވެ.
ދެވަނަ ބޭފުޅަކީ އެމް.ޑަބްލިޔު.އެސް.އޭ އަދި އެމް.ޑަބްލިޔު.އެސް.ސީގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަލްފާލިލާ އާމިނަތު ރަޝީދާއެވެ. 01 ޑިސެންބަރު 1995 ގައި ބިލިންގ އެކައުންޓްސް އެސިސްޓަންޓްގެ މަގާމުން ގުޅިވަޑައިގެން، މިހާރު އެސިސްޓަންޓް ޕެއަބަލް އެގްޒެކެޓިވްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އާމިނަތު ރަޝީދާ ވަނީ ފައިނޭންސް ޑިވިޝަންގައި ސަޕްލަޔަރުންގެ ޕޭމަންޓްތައް ޕްރޮސެސްކުރުމާއި، މާލީ ރެކޯޑްތަކާއި ބިލް ރެކޯޑްތައް ސައްހަކަމާއެކު ބެލެހެއްޓުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އެކަމަނާގެ ފަރުވާތެރި މަސައްކަތް ފާހަގަކޮށް ކުންފުނިން 2004 ވަނަ އަހަރު "މޯސްޓް ޑެޑިކޭޓެޑް އެމްޕްލޯއީ" އަދި 2010 ވަނަ އަހަރު "މޯސްޓް ޕްރޮޑަކްޓިވް އެމްޕްލޯއީ" އެވޯޑް ދެއްވިއެވެ.
ތިންވަނަ ބޭފުޅަކީ އެމް.ޑަބްލިޔު.އެސް.އޭ އަދި އެމް.ޑަބްލިޔު.އެސް.ސީގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަލްފާލިލް މުހައްމަދު އަލީއެވެ. 01 ޖަނަވަރީ 1996 ގައި ރީ-ޑިސްކަނެކްޝަން ޓީމް ލީޑަރުގެ މަގާމުން ގުޅިވަޑައިގެން، މިހާރު ސީނިއަރ ކަސްޓަމަރ ސާރވިސް އޮފިސަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ކަސްޓަމަރ ސާރވިސް ހިދުމަތްތައް ހަރުދަނާކުރުމާއި، އަތޮޅުތެރޭގެ އޮފީސްތައް ބެލެހެއްޓުމާއި، ކުންފުނީގެ އައިއެސްއޯ (ISO) އަދި އޯއެޗްއެސްއޭއެ (OHSAS) ސްޓޭންޑަޑްތައް ހާސިލުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފަވެއެވެ. 1998 ވަނަ އަހަރު މާލޭގެ ފެން ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމުގައާއި، 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާގައި މެދުނުކެނޑި ހިދުމަތް ދިނުމުގައި ނަމޫނާ ދެއްކެވި މުހައްމަދު އަލީއަށް 2020 ވަނަ އަހަރު "ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރސް" އެވޯޑް ލިބިވަޑައިގެންފައިވެއެވެ.
ހަތަރުވަނަ ބޭފުޅަކީ ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަލްފާލިލް މުހައްމަދު އިޔާޞްއެވެ. 10 އޮގަސްޓް 1987 ގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީން ހިދުމަތް ފައްޓަވައި، 01 ޖަނަވަރީ 1996 ގައި އެމް.ޑަބްލިޔު.އެސް.ސީއާ ގުޅިވަޑައިގެން މެދުނުކެނޑި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މުހައްމަދު އިޔާޟް މިހާރު އަދާކުރައްވަނީ މީޓަރ ރިޕްލޭސްމަންޓް އޮފިސަރ މަގާމެވެ.
ޓެކްނިކަލް ސަޕޯޓާއި، ޓްރާންސްޕޯޓް އަދި މެނުފެކްޗަރިންގ ދާއިރާގެ އެކި މަގާމުތައް ފުރުއްވުމަށްފަހު، ދަތުރުފަތުރާއި އޮޕަރޭޝަނަލް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، އުޅަނދުފަހަރުގެ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ހިދުމަތް ފޯރުކޮށްދިނުމުގައި އޭނާ ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާފައިވާއިރު، މި 4 ބޭފުޅުންގެ ހިދުމަތަށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ވަނީ މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.





