ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް ސިޔާސީ ފިކުރަކަށް ނުވަތަ ވަކި ޕާޓީއަކަށް ނުބައްލަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 15 ވަނަ އެޕިސޯޑުގައި އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ. މިގޮތުން، ބޯހިޔާވަހިކަން ދިނުމުގައި ވަކި ޕާޓީއަކަށް އިސްކަންދޭނެ ކަމަށް ނުވިސްނެވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަން ދޫކުރާނީ ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ނިކަމެތި ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދީގެން، އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކުގައި ކަމަށެވެ.
ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައިވާއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތަކެއް ވަނީ ފަށާފައެވެ.
މީގެ އިތުރުން، ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ދަށުން، ރައްޔިތުންގެ ބޯހިޔާވަހިކަމަށްޓަކައި ރެކޯޑު އަދަދަކަށް ގޯތި ދޫކުރުމަށް ވަނީ ނިންމަވާފައެވެ.




