ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކޮށްދެއްވައި، ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އަދި އިންސާފުވެރި މަސައްކަތު މާހައުލެއް ކަށަވަރުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރާއީސް މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 14 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ބައިވެރިވި ނަރުހަކު ވަނީ ވަޒީފާގެ މާހައުލުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި، ކަމެއް ދިމާވާ ހާލަތްތަކުގައި އިންސާފު ހޯދުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކޮށްފަ އެވެ. އަދި ނާސިންގް ދާއިރާގެ މަސައްކަތްތައް ރަނގަޅަށް ނޭނގޭ ފަރާތްތައް ވެރިންގެ ގޮތުގައި ތިބުމުން، ނަރުހުންގެ ޒިންމާތަކާއި ހައްގުތަކަށް ބެލުމެއްނެތި ނިންމުންތައް ނިންމަމުންދާ ކަމަށާއި، ވަޒީފާދޭ ފަރާތްތަކުން މިފަދަ ކަންބޮޑުވުންތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭކަމުގެ ޝަކުވާ އެ ނަރުސް ވަނީ ހިއްސާކޮށްފަ އެވެ. މީގެއިތުރުން، އައިޖީއެމްއެޗް ފަދަ ބޮޑެތި ހޮސްޕިޓަލްތަކުގައިވެސް މި މައްސަލަ އެބައޮތްކަން ފާހަގަކޮށް، މިކަންކަން ހަރުދަނާ އުސޫލަކުން ބެލޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް އެ ނަރުސް އެދުނެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، މިފަދަ ކަންކަން އިސްލާހުކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި އިންސާފު ގާއިމުކުރުމަށާއި، މުވައްޒަފުންގެ އަޑުއަހައި އެކަންކަމަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި ޖަވާބުދާރީވާނެ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ހާއްސަކޮށް ނަރުހުންނަކީ ގައުމަށް ވަރަށް މުހިންމު ހިދުމަތެއް ފޯރުކޮށްދޭ ބަޔަކަށް ވާތީ، އެ މައްސަލައަށް ވަރަށް ސީރިއަސްކަމާއެކު ސަމާލުކަން ދެއްވައިގެން ބައްލަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން، އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް ނިންމަވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ހަމައެއާއެކު، މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަނީ ހާއްސަ ސެމިނާއެއްވެސް ބާއްވާފަ އެވެ. އެ ސެމިނާގައި އަލިއަޅުވާލާފައިވަނީ، ވަޒީފާގެ މާހައުލަކީ މުވައްޒަފުން ހިތްހަމަޖެހުމާއި ޝައުގުވެރިކަމާއެކު މަސައްކަތްކުރާ ތަނަކަށް ހެދުމަށްޓަކައި، ދިމާވާ ދަތިތައް ނިޒާމީ ގޮތެއްގައި ބަލައި ވަޒަންކުރަންޖެހޭ ކަމަށެވެ.




