ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހެނދުނު 10:00 އިން ފެށިގެން 11:00 އަށެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ އެކި ސިޔާސަތުތަކާ ގުޅޭގޮތުންނާއި، ގައުމުގެ މުހިންމު ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވާނެއެވެ.
މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދެވޭ ސިލްސިލާ ބައްދަލުވުމެކެވެ. ރަސްމީ އެހެން މަސައްކަތެއްގެ ސަބަބުން ވަގުތު ދެވެން ނެތް ހާލަތެއްގައި މެނުވީ، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ މީގެ ކުރިން އިއުލާނު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި އިސްނެންގެވުމަކީ ސަރުކާރުގެ ހިންގުން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މީޑިއާތަކަށް ފަހި ފުރުސަތުތަކެއް ހޯއްދަވައިދެއްވުމުގެ މަގްސަދުގައި ފެއްޓެވި މަސައްކަތްޕުޅެކެވެ.



