ސަރުކާރުން ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް (ރިފަރަންޑަމްއަކަށް) ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލު އެކުލަވާލެވިގެން ދާއިރު، ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި އަދި ސިޔާދަތީ ބާރު އެންމެ ފުރިހަމައަށް ހިމާޔަތްކުރެވޭނެ ގޮތަށް ގާނޫނުތަކާއި ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ބައްޓަން ކުރެވިފައި ހުންނަންޖެހޭ ގޮތްތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރެވިފައި އޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއު ކުރިއަށްދާނީ ހަމައެކަނި މިހާރުގެ ޖީލަށް އެކަންޏެއް ނޫނެވެ؛ ކުރިއަށް އޮތް ޖީލުތަކުގެ ހައްގުތައް ވެސް ފުރިހަމައަށް ރައްކާތެރިކުރެވި، ހިމާޔަތް ލިބިގެންދާނެ ގޮތަށެވެ. އަދި މި މަޝްރޫއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ އެއްވެސް އަސާސެއް ނެތް، ހިޔާލީ އަދި ސިޔާސީ ބޭނުމަކަށްޓަކައި ދައްކަމުންދާ ވާހަކަތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހެނީ ވަކި ހާއްސަ 3 ހާލަތެއްގައެވެ. އެއީ:
ގާނޫނުއަސާސީގެ ދެވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން"، މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެންނަ ނަމަ،
ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަ ނަމަ،
ގާނޫނުއަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު) އާއި 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް) އަށް އެއްވެސް ބަދަލެއް ގެންނަ ނަމައެވެ.
އެހެންކަމުން، ރަސްމާލެ މަޝްރޫއަކީ ގާނޫނީ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ފަދަ އެއްވެސް ކަމެއް އެކުލެވިގެންވާ މަޝްރޫއެއް ނޫންކަން ރައީސްގެ ވާހަކަފުޅުން ވަނީ ސާފުކޮށްދެއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ ސިޔާދަތު ރައްކާތެރިކުރަމުން، ގައުމަށް ބޭނުންވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމެވެ.



