ރަސްމާލޭގައި ދުބާއީގެ މަޝްހޫރު ކުންފުނި އީގަލް ހިލްސް އިން ތަރައްގީކުރާ ސަރަހައްދުގެ ސަލާމަތީ ހުރިހާ ކަމެއް ބަލަހައްޓާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ބިލުގައި ހިމެނޭ "އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް" ގެ ބާބަކީ ރަސްމާލޭގެ ވަކި ބައެއްގައި ހިންގުމަށް ނިންމާފައިވާ ބޮޑު އިންވެސްޓްމަންޓަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ ބައެއް ކަމަށެވެ.
އަދި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ބޭރުގެ ބައެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ސިޔާސީ ބޭނުމެއްގައި ދައްކަމުންދާ ވާހަކަތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ދަށުން، ދައުލަތުގެ ތަންފީޒީ އިދާރާތަކުންނާއި ސަލާމަތީ ހިދުމަތްތަކުން ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ގާނޫނީ ގޮތުން މަތިކޮށްފައިވާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކަށް އެ ޒޯނެއްގައި ތިބެވޭނެ ވަސީލަތްތައް ގާއިމުކޮށްދިނުން މާސްޓަރ ޑިވެލޮޕަރަށް ލާޒިމުވާނެ ކަމަށެވެ. އަދި އެކަންކަން ހަމަޖައްސަންޖެހޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށް ބިލުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެ ގާނޫނުގެ ދަށުން މާސްޓަރ ޑިވެލޮޕަރުގެ މައްޗަށް އޮތް ޒިންމާތަކާއި، ދިވެހި ދައުލަތުގެ ހުރިހާ އިދާރާތަކަށް ލިބިގެންވާ ހައްގުތައް ވަރަށް ސާފުކޮށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރަސްމާލޭގައި ދުބާއީގެ އީގަލް ހިލްސް އިން ތަރައްގީކުރާ ސަރަހައްދަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރާއި އިސްތިގުލާލު ހިނގާނެ ސަރަހައްދެއް ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.



