ރަސްމާލެ މަޝްރޫއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ފެތުރި ހަގީގަތެއް ނެތް ދޮގު ވާހަކަތަކުގެ މައްޗަށް ސަރުކާރުން ރައްދު ދީފިއެވެ. ރަސްމާލޭގައި ބަނގުރަލާއި އޫރުމަސް ވިއްކާނެ ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އިދިކޮޅުން ކުރި ނާކާމިޔާބު މަސައްކަތްތައް، ސަރުކާރުން މަޖިލީހަށް ހުށަހެޅި އާ ބިލާއެކު މިހާރު ވަނީ މުޅިން ފުނޑުފުނޑުވެފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުން ވަނީ އިދިކޮޅުގެ ދޮގުތައް ބޭޒާރުކޮށްލާފައެވެ. މި ބިލުގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން، ރަސްމާލޭގެ ފަތުރުވެރިކަމަށް ޚާއްސަ ކުރާ ޒޯނުތަކުގައި ވެސް ބަނގުރަލާއި އޫރުމަސް ވިއްކުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ. އަދި އިސްލާމީ ބަހާތަކާއި ދިވެހިރާއްޖޭގެ ގާނޫނާ ޚިލާފު ޖުވާކުޅުމެއް ވެސް އެތަނުގައި ނުހިންގޭނެކަން ގާނޫނުން މިހާރު އެވަނީ ކަށަވަރުކޮށްދީފައެވެ.

މި ނިންމުމާއެކު ހާމަވެގެން ދިޔައީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމުގެ ދީނީ އަދި އިޤްތިޞާދީ ސިޔާދަތު ހިމާޔަތްކުރުމުގައި ދޫނުދޭނެ ކަމެވެ. އިދިކޮޅުން އަސާސެއް ނެތް ޚިޔާލީ ވާހަކަތައް ދައްކަމުން ދިޔައީ ހަމައެކަނި ސަރުކާރުގެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅުމުގެ ބޭނުމުގައިކަން މިއަދު ރައްޔިތުންނަށް ސާފުވެއްޖެއެވެ.