ރަސްމާލޭގެ ބިމުން ވަކި ބައެއްގައި ދުނިޔޭގެ މަޝްހޫރު ކުންފުނި "އީގަލް ހިލްސް" އިން ހިންގުމަށް ހަމަޖެހިފައިވާ އިންވެސްޓްމަންޓް ސަރަހައްދުގައި ބަނގުރަލާއި އޫރުމަސް ވިއްކުމާއި، ބޭނުންކުރުމާއި އަދި އެތެރެކުރުން މުޅިން މަނާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ބިލުގައި ހިމެނޭ "އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް" ގެ ބާބަކީ ރަސްމާލޭގެ ވަކި ބައެއްގައި ހިންގުމަށް ނިންމާފައިވާ ބޮޑު އިންވެސްޓްމަންޓަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބިލުގައިވާ ގޮތުން މިފަދަ ތަނެއް ނަގައިގެން މަޝްރޫއު ހިންގާ މާސްޓާ ޑިވެލޮޕަރަށް ބިން ލިބިގެންދާނީ ގިނަވެގެން 99 އަހަރުގެ މުއްދަތަށެވެ. އަދި ބިމުގެ ޕްރީމިއަމްގެ ގޮތުގައި 10 އިންސައްތަ ދައުލަތަށް ދައްކަން ޖެހޭނެއެވެ. މީގެ އިތުރުން، އެ ސަރަހައްދުން ވިއްކާ ކޮންމެ ޕްރޮޕަޓީއެއްގެ އޯނަރު ބަދަލުވާ ކޮންމެ ފަހަރަކު، ކަމާބެހޭ އޮފީހަށް 4 ޕަސެންޓުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މުޅި ޒޯނުގެ ހުރިހާ ތަނަކުން ކުރާ މުއާމަލާތްތަކުން ލިބެންޖެހޭ ޓީޖީއެސްޓީ ވެސް ދައުލަތަށް ލިބިގެންދާނެއެވެ.
ރައީސް ވިދާޅުވީ، މި އިންތިޒާމުތަކުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑު އަދަދަކުން ބޭރު ފައިސާ ވަންނާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވެ، ދައުލަތުގެ ދަރަނި ފިލުވުމަށާއި، ގައުމުގެ އިގްތިސާދު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްލާމީ އުސޫލުތަކާއި ދިވެހިންގެ އަގީދާ ރައްކާތެރިކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް ބިލުގެ 77 ވަނަ މާއްދާގެ (ރ) ގައި ވަރަށް ސާފުކޮށް މިކަން ބަޔާންކޮށްފައިވާނެ ކަމަށެވެ. އެ މާއްދާގެ ދަށުން، މިފަދަ ޒޯނެއްގައި ތަރައްގީކުރާ ތަންތަނާއި، އެތަންތަނުގައި ހިންގާ ވިޔަފާރިތަކާއި އަދި އެ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް ފަރާތަކަށް ވެސް، ބަނގުރަލާއި ބަނގުރާ އެކުލެވޭ އެއްވެސް އެއްޗެއް، އަދި އޫރުމަހާއި އޫރުމަސް އެކުލެވޭ އެއްވެސް ބާވަތެއް ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި ނުވަތަ ބޭނުންކުރުމުގެ ހުއްދައެއް ނޯންނާނެއެވެ.
ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލު ބަދަލުކޮށްލާނެ ބިޔަ މަޝްރޫއަކަށް ވާއިރު، އެތަނުގައި ހިންގާ ބައިނަލްއަގުވާމީ މިފަދަ އިންވެސްޓްމަންޓްތައް ކުރިއަށްދާނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ހަމަތަކަށް ފުރިހަމައަށް އިހުތިރާމު ކުރެވިގެން ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.



