ރަސްމާލޭ މަޝްރޫއުގެ ދަށުން އީގަލް ހިލްސް ކުންފުންޏާއެކު ވެވޭ އެއްބަސްވުމުގައި ސޮއިކުރާނީ ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލު ގާނޫނަކަށް ވުމަށްފަހު ކަމަށާއި، އަދި އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސްއާ ދެމެދު ވެވޭ އެއްބަސްވުމުގައި ރައްޔިތުން ކަންބޮޑުވާންޖެހޭ ފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި މި މައްސަލައިގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް ވަރެއްގެ ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ ވަރަށް ފުޅާ ދާއިރާއެއްގައި އެކުލަވާލާފައިވާ ބޮޑު ބިލެއް ކަމަށާއި، މި ދާއިރާއާ ގުޅުންހުރި ހުރިހާ ކަމެއް އެ ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އެ ބިލަކީ ހަމައެކަނި އިންޓަގްރޭޓެޑް ޒޯންތަކަށް އެކަނި އަމާޒުކޮށްފައިވާ ބިލެއް ނޫން ކަމަށާއި، މުޅި ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރި އެކީ އެކައްޗަކަށް ހިމެނޭހެން އެކުލަވާލާފައިވާ ބިލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ފާހަގަކުރެއްވި ގޮތުގައި މާޒީގައި ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގާނެ ކަމަށް ބުނެ އޮޅުވާލައިގެން އާންމު ރައްޔިތުންގެ ގޯތިތައް އަތުލައި، އެތަކެއް ރައްޔިތުންނަށް ބޮޑެތި ލަނޑުތަކެއް ދީފައިވާ ކަމަށެވެ. އެހެންކަމުން، މި ބިލު ގާނޫނަކަށް ހެދުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރައްޔިތުންނަށް ލިބެމުންދާ މިފަދަ ގެއްލުންތަކާއި ނިކަމެތިކަން ހުއްޓުވައި، އެފަދަ އަމަލުތައް މުޅިން ނިމުމަކަށް ގެނައުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އީގަލް ހިލްސާއެކު އެއްބަސްވުމުގައި ސޮއިކުރާނީ މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްވެ، ގާނޫނަކަށް ވުމަށްފަހުގައި ކަމަށެވެ. އަދި އެއަށްފަހު އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށާއި، އެހެންކަމުން އެ އެއްބަސްވުމުގެ ހުރިހާ ތަފްސީލެއް މަޖިލީހުގައިވެސް އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.



