އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށާއި، މި ސަރުކާރުން އަބަދުވެސް އިސްކުރާނީ ގާނޫނީ ވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޚުލާސާގެ ނޫސްވެރިޔާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެއްވެސް މީހަކު ސިޔާސީ ބޭނުމަކަށް މި ސަރުކާރުން ހައްޔަރު ނުކުރާނެ ކަމަށެވެ. އަދި ސިޔާސީ ދައުވާ ކުރުމާއި ސިޔާސީ ގޮތުން ބަދަލުހިފުމަކީ އެމަނިކުފާނު އެއްވެސް އިރެއްގައި ކުރައްވާނެ ކަމެއް ނޫން ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޝާހިދު ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް މައްސަލައެއްގެ ތަހުގީގަށެވެ. އެހެންކަމުން، ކޮންމެ މީހަކަށް ވީނަމަވެސް ގާނޫނު ތަފާތުވެގެން ނުވާނެ ކަމަށާއި، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުމަށް ކަމާބެހޭ މުއައްސަސާތަކާއި އިދާރާތަކަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ތަހުގީގަކަށް ނުވަތަ ގާނޫނީ އިޖުރާއަތަކަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) ތަންފީޒުކުރުމާއި، ގާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުމުގެ އިތުރުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ ރާއްޖޭގައި ކަށަވަރުވެފައި އޮންނަންޖެހޭނެ އެންމެ މުހިންމު ކަންކަން ކަމަށެވެ.
ރައީސް ތަކުރާރުކޮށް ވިދާޅުވީ، ޝާހިދު ހައްޔަރުކުރުމުގައި ސިޔާސީ އެއްވެސް މަގުސަދެއް ނެތް ކަމަށާއި، އެއީ އެއްވެސް ހާލަތެއްގައި އެމަނިކުފާނު ޖާގަދެއްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި އަބަދުވެސް ހިނގަމުންދާނީ އިންސާފާއި ހަމަހަމަކަމާއެކު ގާނޫނީ ވެރިކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.



