ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީގެ މަންފާ ސީދާ ދިވެހި އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި، ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)" ގެ ނަމުގައި އާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި މި ކުންފުނީގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތައް ތަރައްގީކޮށް، އޭގެ ފައިދާ އެއްވެސް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ލިބޭނެ ދިގުމުއްދަތުގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމެވެ. ހަމައެއާއެކު، އިއާދަކުރަނިވި ހަކަތައާއި ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދީގެން ބައިނަލްއަގްވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްގީކޮށް، ދިވެހީންނަށް ވަޒީފާއާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް މި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ގޮތުގައި، ކުރިއަށްއޮތް 3 އަހަރު ތެރޭގައި މި ކުންފުނި މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކުރެވޭނެއެވެ. އަދި ގާނޫނަކުން ކަނޑައަޅައިގެން، އެ ރިސޯޓުތަކުގެ ހިއްސާދާރުންނަށް ކޮންމެ ދިވެހި ރައްޔިތަކު ހަދައި، އެތަންތަނުން ލިބޭ ފައިދާގެ ބޮޑުބައެއް އަހަރަކު އެއްފަހަރު ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.



